ފިނޭންސް މިނިސްޓްރީ

މިދިޔަ އަހަރުގެ އާމްދަނީ 34.7 ބިލިއަނަށް

ދައުލަތަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 34.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ 2023 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ 579.5 މިލިއަން ރުފިޔާ -- 1.6 ޕަސެންޓް އިތުރުވެފަ އެވެ. އަންދާޒާކުރި ވަރަށްވުރެ މިދިޔަ ލިބުނު އާމްދަނީ ވަނީ 436 މިލިއަން ރުފިޔާ -- 1.2 ޕަސެންޓް އިތުރުވެފަ އެވެ.

ދައުލަތަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 26.2 ބިލިއަން ރުފިޔާ ހިމެނެ އެވެ. 2023 ގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނީ 24 ބިލިއަން ރުފިޔާ އެވެ.

ޓެކްސް އާމްދަނީ އިތުރުވި ނަމަވެސް ޓެކްސް ނޫން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 2023 އާ އަޅާބަލާއިރު މިދިޔަ އަހަރު ދަށަށް ގޮސްފަ އެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބުނީ 7.9 ބިލިއަން ރުފިޔާ އެވެ. 2023 ގައި މި އަދަދު ހުރީ 8.8 ބިލިއަން ރުފިޔާގަ އެވެ.

ހިލޭ އެހީގެ ގޮތުގައި 2023 ގައި އެއް ބިލިއަން ރުފިޔާ ލިބުނު ނަމަވެސް މިދިޔަ އަހަރު ލިބުނީ 660.6 މިލިއަން ރުފިޔާ އެވެ.