ޑރ. މުހައްމަދު މުއިއްޒު

އޭއައި އާއި އެކު އިންސާނީ ސިފަ ދަމަހައްޓަންޖެހޭ: ރައީސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި ތައުލީމީ ނިޒާމަށް ފުރުސަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުން މުހިއްމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތައުލީމު ދުވަހާ ގުޅޭގޮތުން ރައީސް މުއިއްޒު ހިއްސާކުރެއްވި ހާއްސަ މެސެޖު ދެއްވެވީ މިއަހަރުގެ ތައުލީމު ދުވަހުގެ ޝިއާރު ކަމަށްވާ "އޭއައި އެންޑް އެޑިޔުކޭޝަން: ޕްރިޒާވިންގް ހިއުމަން އޭޖެންސީ އިން އަ ވާލްޑް އޮފް އޮޓޮމޭޝަން" އަށް އިޝާރާތްކުރައްވައިގެންނެވެ.

ރައީސްގެ މެސެޖުގައި ވަނީ މި ދަނޑިވަޅުގައި އިލްމުގެ ހަކަތައިން ވަކިވަކި ފަރުދުން ބާރުވެރިކުރުމުގެ މުހިއްމުކަން ދެނެގަންނަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައުލީމީ ނިޒާމަށް ފުރުސަތުތައް ފަހިވެފައިވާ މި ޒަމާނުގައި ފަންނިއްޔާތާއި ތައުލީމު އެކުއެކީގައި އެކުލެވިގެން ދިއުމަކީ ލާޒިމު ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ މަތީފަންތީގެ އީ-ލާނިން ވަސީލަތްތަކާއި، އާޓިފިޝަލް އިންޓެލިޖަންސާއި، ވާޗުއަލް ރިއަލިޓީ، ތައުލީމީ ނިޒާމުގެ ތެރޭގައި އެކުލަވައިގެން، ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ޖަޒީރާ ގައުމެއްގެ ކުރިމަގު، މުސްތަގުބަލްގެ ޖީލުތަކަށް އުޖާލާކޮށްދެވިދާނެ ކަމަށެވެ.

ޓެކްސްޓް ފޮތްތައް ޑިޖިޓައިޒްކޮށް، ގާބިލިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ ހައިބްރިޑް އުނގެނުމުގެ މޮޑެލްއެއްގެ އެހީގައި ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުން ދަނީ ކަރިކިއުލަމްގައި ޑިޖިޓަލް ޓެކްނޮލޮޖީ އެކުލަވާލަމުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެހެންވެ "ސްޓީމް" ތައުލީމުގެ އެހީގައި ތުއްތު ސިކުނޑިތަކުގައި ހުޅުކޮޅު ރޯކުރުމަކީ ރާއްޖެއަށް ވަރަށް މުހިއްމު ކަމެއް ކަމުގައި ވިދާޅުވި އެވެ.

ތައުލީމުގެ މުހިއްމުކަން ހަނދާންކުރަމުންދާ ވަގުތެއްގައި ކުޑަކުދިންނާއި ޒުވާނުންގެ އިލްމާއި ހުނަރުތައް އިތުރުކުރުމަށް، ތައުލީމީ ދާއިރާގައި އިޚްލާސްތެރި މަސައްކަތްތައް ކޮށްދެއްވާ ދިވެހި އަދި ބޭރުގެ ތައުލީމީ މުއައްސަސާތަކާއި ވަކިވަކި ފަރުދުންނަށް، ރައީސްގެ މެސެޖުގައި ޝުކުރު އަދާކުރައްވާފައިވެ އެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ގައުމުގެ ކޮންމެ ކުއްޖަކީވެސް، އެކުދިންގެ ތުއްތު ސިކުނޑިތައް މުއްސަނދިކޮށްދޭ، އަގުކުރުންތައް ގާއިމުކޮށްދޭ، ހިޔާލާއި އުފެއްދުންތެރިކަމަށް ހިތްވަރުދޭ އަދި ބަދަލުވަމުން މިދާ ދުނިޔޭގައި ފައިހަމަކޮށްލުމުގެ ގާބިލުކަން ލިބޭ ފަދަ، ރަނގަޅު ފެންވަރުގެ ތައުލީމު ލިބޭ ކުއްޖެއްކަން ކަށަވަރުކުރައްވާނޭ ކަމަށެވެ.