މަޝްއަރު ޓުއާސްގެ ހަވާލުގައި މިދިޔަ ރޯދަ މަހު އުމްރާއަށް ގެންދިޔަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ހިޔާނާތްތެރިވެފައިވާތީ އެ ޖަމާއަތުގެ ވެރިންނަށް ދައުވާކުރަން ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހުގައި އެދިއްޖެ އެވެ.
މަޝްއަރު ޓުއާސްގެ ތިން މައްސަލައެއް ފުލުހުން ތަހުގީގު ކުރި އެވެ. އޭގެތެރެއިން އެއް މައްސަލައެއްގައި ދައުވާކޮށްދިނުމަށް މިމަހުގެ ނުވަވަނަ ދުވަހުވެސް ފުލުހުންގެ އިދާރާ އިން ޕީޖީ އޮފީހުގައި އެދިފައިވެ އެވެ.
މަޝްއަރުގެ ވެރިންނަށް މިމަހުގެ 19 ވަނަ ދައުވާކޮށްދިނުމަށް އެދުނު ދެވަނަ މައްސަލައަކީ އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 27 މީހުންގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ނަގާ މަކަރާއި ހީލަތް ހަދައި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއް ގައެވެ.
މި މައްސަލައިގައި ދައުވާކުރަނީ މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ކުންފުނީގެ ވެރިޔާ މ. ހަވީރީފިނި އަލީ ފާރިޝްގެ މައްޗަށާއި އަލްމަޝްއަރު ޕްރައިވެޓް ލިމިޓެޑާއި ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްޗަށް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މަޝްއަރު ޓުއާސްގެ މައްސަލަ މިދިޔަ އަހަރުގެ އެޕްރީލް މަހު ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ.
މަޝްއަރު ގުރޫޕުން މިދިޔަ ރޯދަ މަހު މީހުން އުމްރާއަށް ގެންދިޔައީ މީހެއްގެ އަތުން 38،500 ރުފިޔާ ނަގައިގެންނެވެ.
މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިދިޔަ އަަހަރު އުމްރާއަށް ގެންދިޔަ މީހުން ރާއްޖެ ގެނައުމަށް އެއާލައިން އެޖެންޓަށް ދޫކުރި ޗެކް ބައުންސްވެ މައްސަލަތަކެއް ދިމާވުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެ ޖަމާއަތަށް ދިން ހުއްދަ އޭރު ބާތިލްކޮށްފަ އެވެ. އެހެންވެ މިއަހަރު މަޝްއަރު ގުރޫޕުން މީހުން އުމްރާއަށް ގެންދިޔައީ "މަޝްއަރު ޓުއާސް"ގެ ނަމުގައި ޓްރެވަލް އެޖެންސީއެއް ހަދައިގެން ކަމަށްވެ އެވެ. ނަމަވެސް މި އެޖެންސީ ރަޖިސްޓްރީކޮށްފައި ނުވާ ކަމަށްވެސް އެނގިފައިވެ އެވެ.