ޕްރިމިއާ ލީގް

ލިވަޕޫލުން އިޕްސްވިޗް ބަލިކޮށް އެއްވަނައިގައި ހަމަޖެހިލައިފި

ލިވަޕޫލްގެ އަމިއްލަ ދަނޑު އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުގައި ލިވަޕޫލުން އިޕްސްވިޗް 4-1 އިން ބަލިކޮށްފި އެވެ.

މި މެޗުގައި ލިވަޕޫލްގެ ކޮކޯ ގެކްޕޯ ވަނީ އެ ޓީމަށް ދެ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މެޗުގެ ފުރަތަމަ ގޯލު ޖެހީ 11 ވަނަ މިނެޓުގައި ލިވަޕޫލްގެ ޑޮމިނިކް ސޮބޮޒްސްލައި އެވެ. އޭނާއަށް މި ފުރުސަތު ތަނަވަސްކޮށްދިނީ އިބްރަހިމާ ކޮނާޓޭ އެވެ. މެޗުގެ 35 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ވަނީ ގެކްޕޯގެ އެހީގައި ލިވަޕޫލަށް ދެވަނަ ގޯލު ޖަހައިދީފަ އެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ގެކްޕޯ ވަނީ އޭނާގެ ފުރަތަމަ ގޯލު ޖަހާފަ އެވެ.

ދެވަނަ ހާފުގައި ލިވަޕޫލްގެ ހަތަރުވަނަ ގޯލު ޖެހީ 66 ވަނަ މިނެޓުގައި ގެކްޕޯ އެވެ. އޭނާއަށް މި ފުރުސަތު ތަނަވަސްކޮށްދިނީ އެލެކްސެންޑަ އާނޯލްޑް އެވެ. އިޕްސްވިޗްގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 90 ވަނަ މިނެޓުގައި ޖެކޯބް ގްރީވެސް އެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 22 މެޗުން 53 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް އާސެނަލަށް ވަނީ 23 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ. ތިންވަނައިގައި އޮތީ ބޯންމައުތު އަތުން 5-0 އިން ބަލިވެ، 23 މެޗުން 44 ޕޮއިންޓް ލިބިފައިވާ ނޮޓިންހަމް ފޮރެސްޓް އެވެ.

އިޕްސްވިޗް އޮތީ 23 މެޗުން ލިބުނު 16 ޕޮއިންޓާއެކު ޓޭބަލްގެ 18 ވަނައިގައެވެ.