އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް، އޭސީސީއަށް އަމުރުކުރައްވައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އޭސީސީ އިން ހިންގާ ޖިނާއީ ތަހުގީގުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިންގަމުން ނުދާކަމުގެ ޝަކުވާ ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ އެކަން ބެއްލެވިއިރު ދިވެހި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަހުގީގު ހިމެނޭގޮތުން، އޭސީސީ އިން ހިންގާ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައާއި، އެފަދަ މައްސަލަތަކުގައި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތުތަކަށް އުނިކަން އަންނަމުންދާކަންވެސް ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށެވެ.
ޕީޖީ ވަނީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި، އެ މާއްދާގެ (ފ)ގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، އޭސީސީ އިން ތަހުގީގު ކުރަމުންދާ އެންމެހައި ޖިނާއީ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައްވައި، މިއަދުން ފެށިގެން އެ އިރުޝާދަށް އަމަލުކުރުމަށްވެސް އޭސީސީއަށް އަމުރުކުރައްވާފަ އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމުރުގައި، އޭސީސީ އިން ތަހުގީގު ކުރަމުންދާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާއި، ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގު، ހާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ހިންގައި، ޕީޖީ ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އެ އޮފީހަށް ހުށަހެޅުމަށްވެސް އަމުރުގައިވެ އެވެ.
އޭސީސީ އިން ތަހުގީގު ކުރަމުންދާ މައްސަލަތައް އަވަސްކޮށް، ހަރުދަނާކުރުމަށްޓަކައި ޕީޖީ ނެރުއްވާފައިވާ އިރުޝާދުގެ ބޭނުމަކީ، އެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމުގެ އިތުރުން ތަހުގީގުތަކުގެ މަރުހަލާތައް ކުރިއަށް ގެންދާނެ ސިސްޓަމެޓިކް ގޮތްތަކެއް ކަނޑައެޅުމާއި، ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުގީގުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމާއި، ތަހުގީގުގެ ކުރީ މަރުހަލާއިން ފެށިގެން ޕީޖީ އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.