ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުން ކަމުގައި ހެދިދާނެ ގޮތުގެ ލާމަސީލު މިސާލު އިންޑިއާ އިން މުޅި ދުނިޔެއަށް ދައްކަމުންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޚަލީލް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
މިނިސްޓަރުގެ މެސެޖުގައި އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.
ޚަލީލުގެ މެސެޖުގައިވާ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން އިންޑިއާ ވެގެންދަނީ މުޅި ދުނިޔެއަށް ލިބޭ ހިތްވަރަކަށެވެ. އަދި ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުން ކަމުގައި ހެދިދާނެ ގޮތުގެ ލާމަސީލު މިސާލު އިންޑިއާ އިން ދަނީ މުޅި ދުނިޔެއަށް ދައްކަމުން ކަމަށްވެސް ވިދާޅުވި އެވެ.
"މިގޮތުން ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓެމާއި، ޑިމޮކްރެޓިކް މުއައްސަސާތައް ބިނާކޮށް ހަރުދަނާކުރުމަށްޓަކައި އިންޑިއާ ވެގެންދަނީ ދިވެހިރާއްޖެއަށް ނަމޫނާ ގައުމަކަށް،" މެސެޖުގައިވެ އެވެ.
ޚަލީލް ވިދާޅުވި ގޮތުގައި ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގާތް ރަހްމަތްތެރިކަން ހާމަކޮށްދެނީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާއި ދެމެދު ބަހައްޓަވައި ގާތްކަމާއި، ދެއްވާ އެހީތެރިކަމެވެ. ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރޮކޮށްދީފައިވަނީ އިންޑިއާ އިން ކަމަށްވާތީ އެކަމުންވެސް ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމަށްވެސް ވިދާޅުވި އެވެ.
"އިންޑިއާގެ އެކި ކަންކޮޅުތަކުގައި އުފާވެރިކަމާއިއެކު ޖުމްހޫރީ ދުވަސް ފާހަގަކުރާ މުނާސަބަތުގައި އިންޑިއާގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި، ކުރިއެރުމާއި، ފާގަތިކަމަށް އެދެމެވެ،" މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.