ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހެއްގައި ނުރައްކާތެރި ދެ ކެމިކަލެއް ހުރުމާ ގުޅިގެން ރާއްޖެ އެތެރެކުރުން ވަގުތީގޮޮތުން މަނާކުރުމަށްފަހު އެ ދެ ބޭސް ރާއްޖެއަށް އެތެރެކުރަން އަލުން ހުއްދަ ދީފި އެވެ.
އެމްއެފްޑީއޭ އިން ރާއްޖެ އެތެރެކުރުން މަނާކުރި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެ އެތެރެކުރުން މަނާކުރި ދެ ބޭހަކީ
މެލޭޝިއާގެ ކޮޓްރާ ފާމާގެ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން ސިރަޕާއި، ޕާކިސްތާންގެ އެފްރޯޒާ ކެމިކަލް އިންޑަސްޓްރީގައި އުފައްދާ މެފްނެކް ސަސްޕެންޝަން ސިރަޕެވެ.
މި ދެ ބޭސް އޭރު ރާއްޖެ އެތެރެކުރުން މަނާކުރީ ޑައިތީލައިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ކިޔާ ކެމިކަލެއް ފެނުމާ ގުޅިގެން ކަމަށް ބުނެ އެވެ.
ނަމަވެސް އެމްއެފްޑީއޭ އިން މިއަދު ބުނީ އެ ދެ ބޭހުގެ އިތުރު ތަހުލީލުތަކެއް ކުރުމުން މައްސަލައެއް ނެތް ކަމަށް ފާހަގަކުރެވިފައިވާތީ އެ ދެ ބޭސް ރާއްޖެ އެތެރެކުރުމަށް މިހާރު ހުއްދަ ދީފައިވާ ކަމަށެވެ.
"އެހެންކަމުން މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް މި ދެބޭސް އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަށް ހުއްދަ ދީފައިވާކަން އާއްމުކޮށް އަންގާ އިއުލާން ކުރަމެވެ." އެމްއެފްޑީއޭ އިން ބުންޏެވެ.