ހީނާ ވަލީދު

ނޫސްވެރިކަން ރެގިއުލޭޓް ކުރާކަށް ނޫޅެން: ހީނާ

ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރަން ސަރުކާރުން އެެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މިފަހަރު މިވާހަކަތައް ދޮގުކޮށްފައި މިވަނީ ނޫސްވެރިކަމާއި އިންޓަނެޓްގެ ވަސީލަތްތައް މިހާރު އޮންނަ ނިޒާމުގެ ތެރެއިން ސެލްފް ރެގިއުލޭޓްނުކުރެވޭ ކަމަށާއި އެހެންވެ އެ ކަންކަން ހަރުދަނާ ގޮތެއްގައި ރެގިއުލޭޓްކުރަން ސަރުކާރުން ބިލެއް ތައްޔާރުކުރަމުން ގެންދާ ކަމަށް ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައި ވަނިކޮށެވެ.

ނާޒިމުގެ ވާހަކަތައް ދޮގުކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރަން ސަރުކާރުން އެެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ.

"ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ. ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނެތް،" ހީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކުރިންވެސް ބުނެފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.

"މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ގާއިމުކޮށް ދެމެހެއްޓުން،" ހީނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އިންނަވާ އަމިއްލަ މެންބަރަކު މީޑިއާ ރެގިއުލޭޓް ކުރުމަށް މިދިޔަ އަހަރުވެސް ހުށަހެޅި އެވެ.