ގދ. ތިނަދޫގައި ރޯދަ މަހު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބާއްވަން އަންގައިފި އެވެ.
ތިނަދޫ ކައުންސިލުން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ ރޯދަ މަހު ތިނަދޫ ރައްްޔިތުންގެ ފަރާތުން ފެނިގެން ދިޔަ ރީތި މިސާލު ދެއްކުމުގެ ގޮތުން މިއަހަރުގެ ރޯދަ މަހުވެސް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތެއް ނުބޭއްވުމަށް އަންގާ ކަމަށެވެ.
"ދުވާލުގެ ވަގުތުވެސް އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމުކޮށް ނުހިންގުން،" އިއުލާންގައިވެ އެވެ.
އިއުލާންގައި ބުނެފައިވަނީ ކުޅިވަރާއި މުނިފޫހިފިލުވުމަށް ހަރަކާތެއް ކަމަށް ނުބެލެވޭ ރަސްމީ ހަރަކާތެއް ނަމަވެސް ކޮންމެހެން ހިންގަންޖެހޭ ހާލަތެއްގައި ނޫން ގޮތަކަށް އެ ހަރަކާތެއްވެސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެކަމަކު ދީނީ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ބުންޏެވެ.
ރޯދަ މަހު ހަރަކާތެއް ކުރިއަށް ގެންދާނަމަ ދުރާލައި ރޭވުމާ އަދި ކަމާ ގުޅޭ ފަރާތްތަކަށް އެންގުމަށާއި އަދި އެފަދަ ހަރަކާތްތައް އަޅުކަމުގެ ވަގުތަށް ދަތިނުވާނެ ގޮތަށް އަދި އާންމުން ރައްޔިތުންނަށްވެސް ބުރައަކަށް ނުވާނެހެން އިންތިޒާމު ކުރުމަށްވެސް ކައުންސިލުން އެދިފައިވެ އެވެ.
ތިނަދޫ ކައުންސިލުން ބުނީ އެ ސިޓީގައި ހުރި ކުޅިވަރު މައިދާންތަކާއި ދަނޑުތަކާއި ޓްރެކް ފަދަ ތަންތަން ރޯދަ މަހު ހުޅުވާފައި ހުންނާނީ ވެސް ވަކި ގަޑިތަކެއްގައި ކަމަށެވެ.
ކައުންސިލްގެ ނިންމުމާ ހިލާފަށް އަމަލުކުރާ ފަރާތްތަކަށް ކައުންސިލުންވެސް ކަންކަމުގައި އެއްބާރުލުން ނުދޭނެ ކަމަށާއި އަދި ފިޔަވަޅު އަޅަންޖެހޭ ހާލަތުގައި ފިޔަވަޅު އަޅާނެ ކަމަށްވެސް އިއުލާންގައިވެ އެވެ.
ކުރިއަށް އޮތް ރޯދަ މަހަކީ ވީހާވެސް ބޮޑަށް އަޅުކަމަށް އިސްކަންދޭ އިސްލާމީ އާދަތަކާއި އުސޫލުތައް އާލާވާން ފުރުސަތު ލިބޭ ދުވަސްތަކަކަށް ހެދުމަށް ކައުންސިލުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.