އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި، އިޒުރޭލުގެ އަސްކަރީ ހަމަލާތަކުން ސުންނާފަތިކޮށްފައި އޮތް ޣައްޒާ މިހާރު އެ އޮތީ އިންސާނުން ދިރިއުޅެން ކަމުދާ ތަނެއްގެ ގޮތުގައެއް ނޫނެވެ.
ޣައްޒާ މިހާރު އެ އޮތީ އިންސާނުން އާބާދުވެ ދިރިއުޅެން ކަމުދާ ތަނަކަށް ވުރެ ބޮޑަށް ފަނާޥެފައި ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޣައްޒާގައި ސާފު ބޯފެން ނެތުމާއި ބޭސްފަރުވާ ދެވޭނެ ވަސީލަތްތައް ނެތުން އަދި ކާބޯތަކެތީގެ ދަތިކަމާ ހެދި، ޣައްޒާޣެ ރައްޔިތުންނަށް އެ މީހުންގެ އަމިއްލަ ބިން ދިރިއުޅެން ކަމުނުދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
މިހެން ކަން އޮތުމުން ޓްރަމްޕް ވިދާޅުވީ، ޣައްޒާގެ އާންމު ރައްޔިތުންނަށް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ މިސްރަށް ނުވަތަ އުރުދުންއަށް ބަދަލުވެ ހިޖުރަކުރުން ކަމަށެވެ. މިއީ ފަހަރެއްގައި ވަގުތީ އަދި ބޮޑަށް ވައްތަރީ ދާއިމީ ބަދަލަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުރުދުން އާއި މިސްރުން ޣައްޒާ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ފެނިވަޑައިގަންނަވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. މި ފުރުސަތު ހޯދުމަށްޓަކައި މި ދެ ގައުމުގެ ވެރިންނާ އިތުރު މަޝްވަރާތަކެއް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕްގެ މި ޚިޔާލަށް ތާއީދު ހޯއްދެވުމަށް އުރުދުންގެ އަބްދުﷲ ރަސްގެފާނަށް ފޯނުކުރައްވައި މައުލޫއަށް އަލިއަޅުއްވާލެއްވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއަށް ދަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕްގެ މި ވިސްނުމަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ދެކޮޅު ހައްދަވާފައި އޮތް ވިސްނުމެކެވެ. ޣައްޒާ ރައްޔިތުން ފަލަސްތީނުން ބޭރުގައި ވަޒަންވެރިކުރުމަކީ ބައިޑަން ސަރުކާރުން މަޝްވަރާކުރަން ވެސް ބޭނުންވި ކަމެއް ނޫނެވެ.
ފަލަސްތީނާ މެދު ބައިޑަން ގެންގުޅުއްވި ވިސްނުމަކީ، ހަނގުރާމަައަށް ފަހު، އާންމު ރައްޔިތުން އެ މީހުންގެ އަމިއްލަ ވަޒަނަށް ރުޖޫއަވުމެވެ. އަދި އެއަށް ފަހު މެދުއިރުމަތީގައި ފަލަސްތީނަށާއި އިޒުރޭލަށް ދެ ދައުލަތް އުފެއްދުމެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުމަަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ތާއީދުކުރެ އެވެ. ނަމަވެސް، އިޒުރޭލުން މިކަމަށް ދެކޮޅުހަދަ އެވެ.