ރާއްޖެއައި ޗައިނާ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ ސޫ ޒިއޯނިންގ (30އ) އެވެ.
ފުލުހުން ބުނީ ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ހަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މައުލޫމާތު ހިއްސާކޮށް، ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނި ގޮތުގަިއ އޭނާ ޓްއަރިސްޓް ވިސާގައި ރާއްޖެ އައީ މިދިޔަ އަހަރުގެ އޮކްޓޫބަރު 13 ވަނަ ދުވަހު އެވެ.
އޭނާ މާލޭގައި ހުރި ގެސްޓް ހައުސް އިން އޮކްޓޫބަރު 24 ވަނަ ދުވަހު ހެނދުނު ޗެކްއައުޓް ވެފައިވާ ކަމަށާއި އެއަށްފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާ ކަމަށެވެ.
ސޫ ޒިއޯނިންގ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަށް ލަސްނުކޮށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.