ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަމުންދާ މައްސަލައަށް އެ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދީފައިނުވާ ކަމަށް އޭސީސީ އިން ބުނެފި އެވެ.
އޭސީސީ އިން މިއަދު ބުނީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން އިއްޔެ އެ ކޮމިޝަންގެ ޓީމެއް ތިނަދޫ ސިޓީ ކައުންސިލްގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެ ގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް އޭސީސީ އިން ބުނެފައިވެ އެވެ.
"ނަމަވެސް މިކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިފައިނުވާ ވާހަކަ ހިތާމައާއެކު ދަންނަވަނެވެ،" އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭސީސީ އިން ބުނީ ގާނޫނުއަސާސީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުގެ ގާނޫނީ އިމުގެ ތެރެއިން އިޖުރާއަތްތައް ފުރިހަމަކޮށް ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާފައިވާ ކަމަށެވެ.
ތިނަދޫ ސިޓީ ކައުންސިލަށް އޭސީސީ އިން ވަތްވަނުން އެއީ "ވައްކަމެއް" ގެ ގޮތުގައި އެ ކައުންސިލުން ވަނީ ސިފަކޮށްފަ އެވެ.
އެ ގޮތުން ތިނަދޫ ސިޓީ ކައުންސިލުން ބުނީ އޭސީސީގެ ނަމުގައި އައި ބަޔަކު އެ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި "ވަގަށް" ނަގާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އޭސީސީ އިން ބުނީ ކައުންސިލުން ހާމަކުރި މައުލޫމާތުތަކަކީ ދޮގު ވާހަކަތެއް ކަމަށެވެ.
"އަދި މި ކޮމިޝަނާ ގުޅޭ ގޮތުން ފަތުރަމުންދާ، ހަގީގަތާ ހިލާފު މައުލޫމާތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމާއި އަދި އެކަމާމެދު މި ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާކަން ފާހަގަކުރަމެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.
އޭސީސީ އިން ތިނަދޫ ސިޓީ ކައުންސިލަށް ވަދެފައިވާއިރު އެ ކައުންސިލުން ކުރިއަށް ގެންދިޔަ ތަރައްގީގެ ބައެއް މަޝްރޫއުތައް ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.