ސީރިއާގައި ހިނގާދިޔާ ދާޚިލީ ހަނގުރާމައިގެ ސަބަބުން، އެ ގައުމާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަނުން އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދެވިދާނެ ކަމަށް، ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ކާޖާ ކަލާސް ވިދާޅުވެއްޖެ އެވެ.
ކާޖާ ކަލާސް މިހެން ވިދާޅުވި ނަމަވެސް، މިއީ ޔޫރަޕިއަން ޔޫނިއަންގެ ހުރިހާ ގައުމެއްގެި ވިސްނުމެއް ނޫނެވެ.
ސީރިއާގައި ދިގު މުއްދަތަކަށް ވެރިކަންކުރެއްވި ބައްޝާރުލް އަސަދުގެ ސަރުކާޜުން އެގައުމުގެ އާންމު ރައްޔިތުންނަށް ދިން އަނިޔާވެރި ހަމަލާތަކާ ގުޅިގެން 2011 ގައި ފެށުނު ދާޚިލީ ހަނގުރާމައިގެ ސަބަބުން، ޔޫރަޕިއަން ޔޫނިއަނުން އޮތީ ސީރިއާއަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފަ އެވެ.
އަސަދު ސަރުކާރު ވައްޓާލައި ތަހުރީރުއްޝާމްގެ ހަނގުރާމަވެރިން މިހާރު ދަނީ ސީރިއާގައި ވެރިކަންކުރަމުންނެވެ. މި ޖަމާއަތުގެ ލީޑަރު އަހުމަދު ޝައްރާއު އަކީ ސީރިއާގެ ވެސް ލީޑަރެވެ.
ޔޫރަޕިއަން ޔޫނިއަނުން މިހާރު ވަނީ އަހުމަދު ޝައްރާއުގެ ވެރިކަން ބަލައިގަނެ، ސީރިއާއާ އެކު ގުޅުން ބަދަހިކުރާނެ ކަމަށް ބުނެފަ އެވެ. މި ބަދަލާ އެކު ޔޫރަޕިއަން ޔޫނިއަނުން ސީރިއާއަށް އަޅާފައި ހުރި ދަތިކުރުންތައް ވެސް މިހާރު އޮތީ އުވާލުމާ ހިސާބުގަ އެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުން ބުނާ ގޮތުން ސީރިއާގެ އާ ސަރުކާރާ އެކު އަވަސްއަރުވާލައިގެން ގުޅުން ބަދަހިކުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ސީރިއާގައި އާންމުން ބަލައިގަންނަ ސަރުކާރެއް ގާޢިމުވުމަށް ދާންދެން ބަލަން ތިބުން އައުލާކަން ބޮޑު ކަމަށް ބައެއް ގައުމުތަކުން ބުނެ އެވެ.
ސީރިއާގެ ދާޚިލާ ހަނގުރާމައާ ގުޅިގެން ގައުމު ދޫކޮށް ދިޔަ އެތައް ލައްކަ ބަޔަކު، ޔޫރަޕާއި އެފްރިކާގެ ގައުމުތަކުގައި ވެސް ރެފިއުޖީންގެ ގޮތުގައި އެބަ ދިރިއުޅެ އެވެ.
ސީރިއާގައި އާންމު އިންތިޚާބެއް ބާއްވަން ބަލާއިރު، ގައުމުން ބޭރުގައި އެހާ ގިނަ ބަޔަކު ތިއްބައި ވޯޓުލުމަކީ ހަގީގީ މަންޒަރު ފެންނާނެ ހާލަގެއް ނޫން ކަމަށް ސީރިއާގެ އާ ލީޑަރު ޝައްރާއު ވަނީ ވިދާޅުވެފަ އެވެ.
ސީރިއާގައި އާންމު އިންތިޚާބެއް ބޭއްވޭނީ ދެއަހަރެއްހާ ދުވަސް ފަހުން ކަމަށްވެސް ޝައްރާއު ވިދާޅުވި އެވެ.
ޔޫރަޕިއަން ޔޫނިއަނުން ބުނާ ގޮތުން އެ ގައުމުތަކަށް ގަބޫލުކުރެވޭ މިންގަނޑެއްގައި ސީރިއާ ހިންގާ ނަމަ، އެ ގައުމާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތައް އުވާލާނެ އެވެ. އަދި ސީރިއާއާ އެކު ގުޅުން ބަދަހިކޮށް ތަރައްގީގެ މަޝްވަރާތައް ފަށާނެ އެވެ.