ބޭންކް އޮފް މޯލްޑިވްސް

ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ލުއި ގޮތެއް

ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ބައެއް ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ލާޒިމުކޮށް ފާސްކޮށްފައިވާ ގާނޫނާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޑޮލަރު މާރު ކުރެވޭނެ އިންތިޒާމު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިދީފި އެވެ.

ބީއެމްއެލް އިން ބުނީ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި އެ ނޫން ވެސް ޓޫރިޒަމާ ގުޅުން ހުރި ފަރާތްތަކަށް މި ހިދުމަތް މިހާރު ލިބޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ޑިސެންބަރު 12 ވީ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކުރި މި ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ޑިސެމްބަރު 14 ވަނަ ދުވަހު އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން މި ގާނޫނުގެ ދަށުން ބޭރު ފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީގެ ބައެއް ބޭންކުތަކަށް މާރުކުރަން ލާޒިމުވާނެ އެވެ.

ބޭރު ފައިސާ އިން ލިބޭ އާމްދަނީ ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ހެދި ގާނޫނުގައި ވަނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ތިން ކެޓަގަރީއަކަށް ބަހާފަ އެވެ.

ކެޓަގަރީތައް

• ކެޓެގަރީ އޭ
ޓޫރިޒަމް އެސްޓާބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓުތަކާއި، އިންޓްގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ޕްރައިވެޓް އައިލަންޑްތަކާއި، ރިސޯޓު ހޮޓާތަކާއި، އެނޫންވެސް އެފަދަ ތަންތަނުން، މިލާދީ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ނުވަތަ މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ (ގްރޮސް ސޭލްސް)ގެ 20 އިންސައްތަ މި ދެގޮތުން ކުރެ ގޮތަކަށް ބޭރު ފައިސާ ބޭންކަކަށް މާރުކުރުން.

• ކެޓެގަރީ ބީ
ޓޫރިޒަމް އެސްޓާބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުން މީލާދީ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ނުވަތަ މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ 20 އިންސައްތަ މި ދެގޮތުން ކުރެ ގޮތަކަށް ބޭރު ފައިސާ، ބޭންކަކަށް މާރުކުރުން.

• ކެޓަގަރީ ސީ
ކެޓެގަރީ-އޭ އާއި ކެޓެގަރީ-ބީ ފިޔަވައި އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތްތަކަށް ފާއިތުވި މީލާދީ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތަށް، މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ، ބޭންކަކަށް ރުފިޔާއަށް މާރުކުރުން.

މިގާނޫނު ހިންގައި ތަންފީޒު ކުރުމުގައި ހަރަކާތްތެރިވާ އިސް އިދާރާއަކީ މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) އެވެ.