ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފުލުހުންގެ ފްލެޓްތައް އިމާރާތް ކުރުމަށް ވަކި ބަޔަކަށް ފައިދާވާ ގޮތަކަށް ކަންތައްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފި އެވެ.
އޭސީސީގެ އޮފިޝަލަކު އެކަން ޔަގީންކޮށްދިން ނަމަވެސް ތަހުގީގު ހިނގަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.
އޮޑިޓާ ޖެނަރަލް މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފުލުހުންގެ ފްލެޓްތައް އިމާރާތް ކުރުމަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއީ 355 މިލިއަން ރުފިޔާގެ ގެއްލުން މިހާރުވެސް ލިބިފައިވާ މަޝްރޫއެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޕޮލިސް ފްލެޓްތައް ނިންމަން އެއްބަސްވުމަށް ބަދަލުތައް ގެނެސް އެކި ކޮންޓްރެކްޓަރުންނަށް މަސައްކަތް ހަވާލުކޮށް ކޮންޓްރެކްޓަރުން ނިންމާ މަސައްކަތަށް ފައިސާ ދިނުމުގެ ބަދަލުގައި ކޮންމެ ކޮންޓްރެކްޓަރަކަށް ފައިސާ ދީފައިވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށެވެ.
އެހެންވެ އެ މައްސަލަތައް އޭސީސީއާއި ކަމާ ގުޅޭ އިދާރާތަކުން ބަލައި މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ލަފާ ދީފައިވެ އެވެ.