ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިބްރާހީމް ފައިސަލް ނަތީޖާ ނެރެދެއްވި ކަމަށް އޭނާގެ ބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ މިއަދު ކުއްލި ގޮތަކަށް ފައިސަލް މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
ފައިސަލްގެ މައްސަލައިގައި އަބްދުއްރަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފައިސަލަށްޓަކައި އެމަނިކުފާނާއި އާއިލާ ފަހުރުވެރިވާ ކަމަށެވެ.
ފައިސަލް، ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން ހިދުމަތް ކުރެއްވީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ފައިސަލް ވަނީ ނަތީޖާ ނެރެދެއްވާފައި ކަމަށްވެސް ވިދާޅުވި އެވެ.
"ދާއިރާގެ އިތުބާރާ ލޯބި [ފައިސަލް] ހޯދި. މާތްالله ދަރިފުޅު ފައިސަލަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރުކުރައްވާ މާއުޖާލާ މާދަމާއެއް ދައްކަވާށި. އާމީން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އޮފީހުންވެސް ހާމައެއް ނުކުރެ އެވެ.