ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޕީއެންސީގެ މެންބަރުން ތިއްބެވީ ރައީސްއާ އެކު

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ސާބިތުވެގެން ކަމަށް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ބައެއް މެންބަރުން މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހީމް ފައިސަލް މިއަދު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރެއްވުމާ ގުޅިގެން މަޖިލީހުގެ ޕީއެންސީގެ ބައެއް މެންބަރުން ރައީސްއާ ދެކޮޅަށް ތިއްބެވި ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

މައްސަލައިގެ ބާވަތުން އަވަސްއާ ވާހަކަދެއްކެވި ޕީއެންސީގެ މެންބަރުން ނަން ނުޖެހުމަށް އެދިވަޑައިގެންނެވި އެެވެ.

އަވަސްއަށް އިންޓަވިއު ދެއްވި މެންބަރުން ވިދާޅުވީ ފައިސަލް މަގާމުން ވަކިކުރެއްވުމަކީ އެ ބޭފުޅުންނަށްވެސް ލިބިވަޑައިގެންނެވި "ޝޮކެއް" ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އެވަރުގެ ފިޔަވަޅެއް އަޅުއްވާނީ ކޮންމެވެސް މުހިއްމު ބޮޑެތި ސަބަބުތަކެއް ހުރެގެން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ނުދަންނަވަން ފައިސަލް ގޯހެކޭ. އަދި ގޯސް ހެއްދެވި ކަމަކަށްވެސް. އެކަމަކު އެއްވެސް ކަމެއް ނެތި މަގާމުން ވަކިކުރައްވާނެ ކަމަށް ގަބޫލުކުރަން ހަމަ ދަތި،" ފައިސަލްއާ ގާތްގުޅުމެއްވެސް އޮތް މެންބަރަކު ވިދާޅުވި އެވެ.

ޕީއެންސީގެ ސީނިއާ މަޖިލިސް މެންބަރަކު ވިދާޅުވީ ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު ގުޅުން ގޯސްވެފައި އޮތް ކަމުގެ އެއްވެސް މައުލޫމާތެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން މައްސަލައެއް އުޅޭނަމަ އެ މައުލޫމާތު ސާފުކުރުމަށް އޭނާވެސް ބޭނުންވާ ކަމަށާއި ނަމަވެސް މިހާތަނަށްވެސް ދެ ބޭފުޅުންގެ ދެމެދުގައި މައްސަލައެއް އުޅޭކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ގިނައިން މަޖިލިސް ރައީސްއާ ދިމާވޭ. އެކަމަކު ރައީސްއާ ގުޅުން ގޯސްވެ އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ހިއްސާކުރައްވާފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ އިތުރު މެންބަރަކު ވިދާޅުވީ ފައިސަލް މަގާމުން ވަކިކުރަން ޖެހުނު ސަބަބު ރައީސްގެ ފަރާތްޕުޅުން މާލަސްތަކެއް ނުވެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެކަމަކު އެ މައުލޫމާތު ނުލިބި ލަސްވުމަކީ އޭނާވެސް ކަންބޮޑުވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ހަގީގަތުގައިވެސް މެންބަރުންވެސް އެ މައުލޫމާތަށް ވަރަށް އެބަ އިންތިޒާރުކުރޭ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކިކުރުމަށް އެއްވެސް މަސައްކަތެއް ހިނގަމުންދާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށްވެސް އަވަސްއާ ވާހަކަދެއްކެވި މެންބަރުން ވިދާޅުވި އެވެ. އަދި ރައީސްގެ ފަރާތްޕުޅުންވެސް އެފަދަ ކަމަކަށް އެދިވަޑައިގެން އެއްވެސް އިޝާރާތެއް އަދި ލިބިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިގެން ފައިސަލް މަގާމުން ވަކިކޮށްގެން ޕީއެންސީގެ މެންބަރުންގެ ތެރެއަކު އެއްވެސް ދެކޮޅުވެރިކަމެއް ރުޅިވެރިކަމެއް ނެތް. އެހެންނަމަވެސް ފައިސަލް ވަކިކުރަންޖެހުނު ސަބަބުން އެނގެން ބައެއް މެންބަރުންވެސް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ފައިސަލް މިއަދު ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އޮފީހުންވެސް ހާމައެއް ނުކުރެ އެވެ.