އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ދައުވާކުރުމުގައި މަސައްކަތް ކުރި ޕްރޮސެކިއުޓަރުން ވަޒީފާއިން ވަކިކުރަން ފަށައިފި އެވެ.
އެމެރިކާގެ ކުރީގެ ރައީސް ގޯ ބައިޑަންގެ ވެރިކަމުގައި ޓްރަމްޕްގެ މައްސަލަ ދިރާސާކުރުމުގައި ނުވަތަ ދައުވާ އުފުލުމުގައި އެއްވެސް މިންވަރަކަށް މަސައްކަތްކޮށްފައިވާ މީހެއްނަމަ މަގާމުން ދުރުކުރުމުގެ މަސައްކަތް ޓްރަމްޕްގެ ސަރުކާރުން ވަނީ ފަށާފަ އެވެ.
އެޓާނީ ޖެނެރަލް ޖޭމްސް މެކްހެންރީ ފޮކްސް ނިއުސްއަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ ވަޒީފާއިން ވަކިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ހާއްސަ ތަހުގީގީ ޕްރޮސެކިއުޓަރު ޖެކް ސްމިތުގެ ޓީމުގައި ހިމެނުނު ހުރިހާ ޕްރޮސެކިއުޓަރުންނަށް ކަމަށެވެ.
މި ޓީމަކީ ޖެނުއަރީ 6، 2021 ގައި ކެޕިޓަލްގައި ހިނގި ހަމަނުޖެހުމާއި، ސިއްރު ލިޔެކިޔުންތައް ޓްރަމްޕް އަމިއްލަ ގެކޮޅަށް ގެންދެވި މައްސަލައިގައި މަސައްކަތްކުރި ޓީމެވެ.
"މި ޕްރޮސެކިއުޓަރުން ވަޒީފާއިން ވަކިކުރަން ޖެހުނީ ރައީސް ޓްރަމްޕްގެ ޝަރުއީ އެޖެންޑާ އަމާނާތްތެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެ ފަރާތްތަކަށް އިތުބާރު ނުކުރެވޭތީ،" މެކްހެންރީ ވިދާޅުވި އެވެ.
މިހާތަނަށް ވަކިކުރެވުނު ޕްރޮސެކިއުޓަރުންގެ ސީދާ އަދަދު ހާމަކޮށްފައި ނުވި ނަމަވެސް އެ އަދަދު 12 އަށް ވުރެ އިތުރު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ ސަރުކާރުގެ ވަސީލަތްތަކާއި ނުފޫޒު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ޓްރަމްޕް ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށެވެ.
ސިއްރު ލިޔެކިޔުންތައް އަމިއްލަ ގެކޮޅަށް ގެންދަވައި ނާޖާއިޒު މަންފާ ހޯއްދެވުމަށް ޓްރަމްޕް މަސައްކަތް ކުރެއްވި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލުނު ދައުވާ މިދިޔަ އަހަރުގެ ޖުލައި މަހު ޑިސްޓްރިކްޓް ކޯޓަކުން ވަނީ ބާތިލްކޮށްފަ އެވެ.