މޯލްޑިވްސް ޕޮލިސް ސާވިސް

ހޯކްސް ކުންފުންޏަށް މަނީ ލޯންޑާގެ ތުހުމަތުކޮށް ފުލުހުން ތަހުގީގު ފަށައިފި

ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ފުލުހުން މަނީ ލޯންޑާގެ ތުހުމަތުކޮށް ތަހުގީގު ފަށައިފި އެވެ.

މި މައްސަލައިގައި ފުލުހުން ތުހުމަތުކުރަނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިން އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން ރާއްޖެއަށް ސިއްރުން ސިނގިރޭޓް އެތެރެކުރި ކަމަށެވެ.

އެ ގޮތުން ރާއްޖެއަށް 200 މާސްޓަ ކާޓަން މެންޗެސްޓާ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއް ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މިއަދު ބުނީ މިހާތަނަށް ބެލި ބެލުމުން މިދިޔަ އަހަރުގެ އޮކްޓޫބަރު 24 ވަނަ ދުވަހު ރާއްޖެއަށް އައި ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެ ގެނައިކަން އެނގިފައިވާ ކަމަށެވެ.

"އަދި 2024 އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ދިވެހިރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގު ބިނާވެފައިވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގ ކުށެވެ.