ސްޓެލްކޯގެ ޓްރާންސްފޯމާ ސަބްސްޓޭޝަނަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ސްޓެލްކޯ އިން ބުނީ ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި އެ ކުންފުނީގެ ޓްރާންސްފޯމާ ސަބްސްޓޭޝަނަށްވަދެ ވައްކަންކުރަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނި، ފުލުހުންނަށް އެންގުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯގެ ޓްރާންސްފޯމަރުތަކަށް ގެއްލުންދީ ވައްކަންކުރުން މިފަހަކަށް އައިސް އާންމުވެފައިވާއިރު އެ ކުންފުނިން ބުނީ މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓާ ކުރެވޭ ތަންތަން ކަމަށެވެ. ނަމަވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަންފަދަ ތަންތަނުން ވައްކަންކުރުން ހުއްޓުވުމަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
"މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން، އެކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރަން،" ސްޓެލްކޯ އިން ބުނެފައިވެ އެވެ.
ސްޓެލްކޯ އިން ވަނީ މިފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ މީހުންވެސް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށްވެސް އިލްތިމާސްކޮށްފަ އެވެ.
މާލޭގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމާ ސަބްސްޓޭޝަނަކުން ވައްކަން ކުރަން އުޅުނު މީހަކު ރޭ ހައްޔަރުކޮށްފައިވާއިރު މިމަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަށް ބަޔަކު ވަނީ ގެއްލުންދީފަ އެވެ.
މީގެ އިތުރުން ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މިދިޔަ އަހަރު ވަނީ މަރުވެފަ އެވެ.