ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
ހޯރަފުށީގައި ހާފްވޭ ހައުސް ހުރި ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަން ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ހާފްވޭ ހައުސް ހުޅުއްވައިދެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އެ ތަނުގައި ގައުމީ ދިދަ ނަންގަވައިދެއްވުމަށްފަހު އެ ތަން ބައްލައްވާލައްވާފަ އެވެ.
ހޯރަފުށި ހާފްވޭ ހައުސް އަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން 2022 ވަނަ އަހަރު 6.1 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
ހޯރަފުށި ހާފްވޭ ހައުސްއަކީ އަތޮޅު ތެރޭގައި ގާއިމުކުރި ފުރަތަމަ ޖުވެނައިލް ޖަސްޓިސް ޔުނިޓެވެ. މި ހާފްވޭ ހައުސް ބަލަހައްޓާނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ޔުނިޓުންނެވެ. މިއީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބައިތިއްބުމަށް ހަދާފައިވާ ތަނެކެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނަކީ ނޮވެންބަރު 14، 2019 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ނޮވެންބަރު 20، 2019ގައި ތަސްދީގު ކުރެއްވި ގާނޫނެކެވެ.