އެސްޓީއޯ

އެސްޓީއޯގެ އާމްދަނީ އާއި ސާފު ފައިދާ ދަށަށް

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އާއި ސާފު ފައިދާ ދަށްވެއްޖެ އެވެ.

އެސްޓީއޯ އިން އާންމުކުރި މާލީ ހިސާބުތަކަށް ބަލާއިރު އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 15 ބިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ އަހަރާ އަޅާބަލާއިރު ހަ އިންސައްތައިގެ ދަށްވުމެކެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއިއެކު އެ ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާއިއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އާމްދަނީ ދަށްވުމާއިއެކު މިދިޔަ އަހަރު އެސްޓީއޯއަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ. އެސްޓީއޯގެ މިދިޔަ އަހަރުގެ ހިންގުމުގެ ހަރަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 8 އިންސައްތަ ދަށްކޮށްފަ އެވެ. އެހެންނަމަވެސް ޖުމްލަ ފައިދާ ދަށްވުމާއިއެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ.

އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގެ ޖުމްލަ ފައިދާ ރަގަޅު ވުމާއިއެކު ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 218 މިލިއަން ރުފިޔާ އެ ކުއާޓަރުގައި ލިބިފައިވެ އެވެ. މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާ އަކީ 812 މިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ އަހަރާ އަޅާބަލާއިރު 19 އިންސައްތައިގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ މތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއިއެކު ޖުމްލަ ފައިދާ ދަށްވުމެވެ. ޓެކުހަށް ކެނޑުމަށްފަހު މި އަހަރުގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 717 މިލިއަން ރުފިޔާ ލިބިފައެވެ.

އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.8 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރިތައް ރަގަޅުވެ އާމްދަނީ އިތުރުވުން ކަމަށް އެސްޓީއޯ އިން ބުންޏެވެ. މިއާއިއެކު ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓާރާ އަޅާބަލާއިރު 8 އިންސައްތައިން އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި 637 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.