ސީރިއާގެ އިންތިގާލީ ރައީސްގެ މަގާމަށް އަހުމަދު ޝައްރާއު އައްޔަންކޮށްފި އެވެ. އޭނާ މި މަގާމަށް އައްޔަންކުރީ ސީރިއާގެ ކޮންޓްރޯލް އޮންނަ އަސްކަރީ ވެރިކަމުުގެ ފަރާތުން ތަރުޖަމާން ކާނަލް ހަސަން އަބްދުލްޣަނީ އެވެ.
ސީރިއާގައި 25 އަހަރަށް ދިގުދެމިގެން ގޮސްފައި އޮތް ބައްޝާރުލް އަސަދުގެ ވެރިކަން، ޑިސެމްބަރު 8، 2024 ގައި ވައްޓާލައި ވެރިކަމާ ހަވާލުވެފައި ވަނީ ހަޔާތު ތަހުރީރުއްޝާމް (އެޗްޓީއެސް) ގެ ހަނގުރާމަވެރިންނެވެ.
އެޗްޓީއެސްގެ ލީޑަރުގެ މަގާމުގައި އޭރު ހުންނެވި އަހުމަދު ޝައްރާއު، ސީރިއާ މިނިވަންކުރެއްވުމަށް ފަހު އެ ގައުމުގެ ލީޑަރުގެ މަގާމަށް ވަޑައިގަތީ އެވެ. އަދި އިންތިގާލީ ރައީސްގެ މަގާމަށް، ޖެނުއަރީ 29، 2025 ގައި އައްޔަންކުރެވެންދެން ހުންނެވީ ސީރިއާގެ ލީޑަރު އަދި ބެލެނިވެރިޔާގެ ގޮތުގަ އެވެ.
އިންތިގާލީ ރައީސްގެ ހުވައިކުރެއްވުމަށް ފަހު ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބުކުރައްވައި ޝައްރާއު ވަނީ ގައުމާ މެދު ދެކެވަޑައިގަންނަވާ ގޮތް ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ.
ސީރިއާގައި އާންމު ރައްޔިތުން ބައިވެރިވާ އިންތިޚާބެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިންތިޚާބެއްގެ ކުރިން ގާނޫނު އަސާސީއެއް އެކުލަވާލައި އާންމުގެ ޚިޔާލު ހޯއްދެވުމަކީ ވެސް އުންމީދެއް ކަމަށް ވިދާޅުވި އެވެ.
ސީރިއާއަށް ވަގުތީ ރައީސެއް އައްޔަންކުރަން ޖެހިވަޑައިގަތީ އާންމު އިންތިޚާބެއް ބޭއްވުމަށް ހަތަރު ވަރަކަށް އަހަރު ނަގާނެތީ ކަމަށް ޝައްރާއު ވިދާޅުވި އެވެ. ގައުމުން ބޭރުގައި އެތައް ހާސް ބަޔަކު ރެފިއުޖީންގެ ގޮތުގައި އުޅޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަރަހައްދީ ބައިވެރިންނާ އެކު އަދި ދުނިޔޭގައި ސީރިއާގެ ގަދަރު ދެމެހެއްޓުމަށްޓަކައި ގައުމުތަކާ އެކު މަޝްވަރާކުރުމާއި އާންމު ރައްޔިތުންނަށް މާލީ ތަނަވަސްކަން ލިބި ދިރިއުޅުން އަލުން ފަށައިގަތުމަށް މުއްދަތު ބޭނުންވާނެ ކަމަށްވެސް އިންތިގާލީ ރައީސް ވިދާޅުވި އެވެ.
ޝައްރާއު ވިދާޅުވި ގޮތުން ސީރިއާގައި މިހާރު އޮތީ ރައްޔިތުންނަށް އަނިޔާވެރިވެ އަދި ޣައްދާޜުވާނެ ވެރިކަމެއް ނޫނެވެ. ސީރިއާ އަކީ 54 އަހަރު ވަންދެން އަނިޔާވެރި ވެރިކަމެއް -- ރައްޔިތުންނަށް ބެއިންސާފުން ކަންކުރި ވެރިކަމެއް އޮތް ގައުމެއް ކަމަށްވެސް ވިދާޅުވި އެވެ.
ސީރިއާގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ރައްޔިތުންނަށް ހެޔޮ ގޮތް އެދިވަޑައިގަންނަވާތީ ކަމަށް ޝައްރާއު ވިދާޅުވި އެވެ. ސީރިއާ މިނިވަންކުރެއްވުމަށް ފަހު ފާއިތުވި 54 ދުވަހުގެ ތެރޭގއި ދުނިޔޭގެ ބައިވެރިންނާ މަޝްވަރާކުރެއްވި ކަމަށާއި، ސީރިއާ އަލުން ކޮޅަށްޖެހުމަށް މުޅި ދުނޔެ އެހީތެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އވެ.
ޝައްރާއު ވިދާޅުވި ގޮތުން ސީރިއާ ތަރައްގީކުރައްވާނީ އެއްވެސް މީހަކު ބާކީނުކޮށެވެ. އަދި ކޮންމެ ރައްޔިތަކަށް ވެސް ސީރިއާއިން ޖާގަ ދެއްވާނެ ކަމަށް އިންތިގާލީ ރައީސް ވިދާޅުވި އެވެ.