އިޒުރޭލުން ހާސިލުކުރަން ބޭނުންވި ލަނޑުދަނޑިތައް ޣައްޒާ ހަނގުރާމައިން ހާސިލުވި ކަމަށް ގަބޫލުކުރަނީ އިޒުރޭލު އާބާދީގެ ހަތަރު ޕަސެންޓް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޣައްޒާ ހަނގުރާމަ އަކީ އިޒުރޭލުން ކޮން ބޭނުމެއް ހާސިލުކުރަން ކުރި ހަނގުރާމައެއްތޯ ސުވާލުކުރުމުން 57 ޕަސެންޓް މީހުން ބުނެފައި ވަނީ އެއީ ކޮންބޭނުމެއްގައި ކުރި ހަނގުރާމައެއްކަން ސާފުނޫން ކަމަށެވެ.
އިޒުރޭލުން ބޮޑު ހޭދައެއްކޮށްފައި ކުރި ހަނގުރާމަ އަކީ ބޭކާރު ޚަރަދެއް ކަމަށް ދިރާސާގައި ސުވާލުކުރި އަޣުލަބިއްޔަތު ވަނީ ބުނެފަ އެވެ.
ޣައްޒާ ހަނގުރާމައިން އިޒުރޭލަށް ލިބުނީ ކޮޅުކެހި ކަމަށް 32 ޕަސެންޓް މީހުން ވަނީ އެއްބަސްވެފަ އެވެ. ހާސިލުކުރަން އުންމީދުކުރި ވަރާ ގާތަށް ވެސް ނަތީ ނެރެވިފައި ނުވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އަސީރުން ބަދަލުކުރުމާ ހިސާބަށް މަޝްވަރާތައް ގޮސްފައި ވާތީ ޣައްޒާ ހަނގުރާމަ މި ހިސާބުން ނިމުނީތޯ ސުވާލުކުރުމުން 31 ޕަސެންޓް މީހުން ބުނީ އެއީ ހަނގުރާމަ ނިމުނުކަން ދޭހަކޮށްދޭ ނިޝާނެއް ކަމަށެވެ.
ނަމަވެސް، 57 ޕަސެންޓް މީހުން ބުނަނީ ޣައްޒާ ހަނގުރާމަ އަލުން ފެށުމަށް ފުރުސަތު އޮތް ކަމަށެވެ.
އިޒުރޭލުން އެއްބަސްވި ގޮތަށް ސުލްހައިގެ އެއްބަސްވުންތައް ތައްފީޒުކުރާނެތޯ ސުވާލުކުރުމުން 36 ޕަސެންޓް މީހުން ބުނީ ތަންފީޒުނުކުރާނެ ކަމަށެވެ. ތަންފީޒުކުރާނެ ކަމަށްވެސް 36 ޕަސެންޓް މީހުން ވަނީ ބުނެފަ އެވެ.
ޣައްޒާ ހަނގުރާމާ ހުއްޓުވައި އިޒުރޭލާއި ހަމާސް ސުލްހަކުރުމަށް މެދުވެރިންގެ ދައުރު އަދާކޮށްފައި ވަނީ އެމެރިކާ އާއި މިސްރު އަދި ގަތަރުންނެވެ. ސުލްހައިގެ އެއްވަސްވުން ތަންފީޒުކުރަން ފެށީ ޖެނުއަރީ 19، 2025 ގައެވެ.
ޣައްޒާ ހަނގުރާމާގައި -- އިޒުރޭލުގެ ހަމަލާތަކުގައި ޣައްޒާއިން 47،400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ޒަހަމްވި މީހުންގެ އަދަދު 111،000 އަށް ވުރެ އިތުރުވާނެ ކަމަށް އިދާރާތަކުން ބުނެ އެވެ.