އިދިކޮޅު އެމްޑީޕީން "ފުދިއްޖެ، ފުނޑިއްޖެ"ގެ ނަމުގައި މިރޭ ބޭއްވި ހިނގާލުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލުމަށްފަހު ހިނގާލުން ނިންމާލައިފި އެވެ.
މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުން މިރޭ 8:30 ހާއިރު ފެށި ހިނގާލުން ކުރިއަށް ގެންދިޔައީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގުގައެވެ.
ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ހިނގާލުން ފަށައިގެން ނިންމާލުމާ ހަމައަށްވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.

މިހިނގާލުން ކުރިއަށް ދިޔައީ ސަލާމަތީ ފަރާތްތަކުން ހުއްދަ ހޯދައިގެން ކަމަށްވާތީ ފުލުހުންނާއި ސިފައިން މި ހިނގާލުމަށް ހުރަސްއަޅާފައެއް ނުވެ އެވެ. ނަމަވެސް ބޮޑުތަކުރުފާނު މަގާއި އަދި އަމީނީ މަގުން މާލޭގެ އެހެން މަގުތަކަށް ހިނގާލުމުގެ ބައިވެރިންނަށް ނުވަދެވޭނެހެން ސިފައިންނާއި ފުލުހުން އޮތީ މަގުތައް ބަންދުކޮށްފަ އެވެ.
ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން ރައްޔިތުންގެ ދިރިއުޅުން ފުނޑިފައިވާ ކަމަށް ބުނެ ހިނގާލުމުގެ ބައިވެރިން ވަނީ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.
ރައްޔިތުން އިތުރަށް ރުޅި ނޭރުވުމަށާއި އިދިކޮޅު ފަރާތްތަކުގެ ގޮވާލުންތަކަށް ސަރުކާރުން އިޖާބަ ނުދޭނަމަ ސަރުކާރު ވައްޓާލާނެ ކަމަށްވެސް ބައެއް ބައިވެރިން ދިޔައީ ގޮވާލަމުންނެވެ.