ދިރާގު

މިދިޔަ އަހަރު ދިރާގުގެ އާމްދަނީ 2.7 ބިލިއަނަށް

ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދިރާގުން އާންމުކުރި މާލީ ހިސާބުތަކުން އެނގޭ ގޮތުގައި 2023 ވަނަ އަހަރާއި އަޅާބަލާއިރު ނިމުނު 2024 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.

ދިރާގަށް 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 2.6 ބިލިއަން ރުފިޔާ އެވެ.

ދިރާގަށް މިދިޔަ އަހަރު ލިބުނު އާމްދަނީ

  • ފުރަތަމަ ކުއާޓަރު: 698.5 މިލިއަން ރުފިޔާ
  • ދެ ވަނަ ކުއާޓަރު: 687.2 މިލިއަން ރުފިޔާ
  • ތިން ވަނަ ކުއާޓަރު: 691.1 މިލިއަން ރުފިޔާ
  • ހަތަރު ވަނަ ކުއާޓަރު: 709.5 މިލިއަން ރުފިޔާ

ދިރާގަށް މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ.

މޯބައިލް ހިދުމަތްތަކުން 1.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ފިކްސްޑް ބްރޯޑްބޭންޑް، ވިޔަފާރި ހިދުމަތްތަކުން 1.2 ބިލިއަން ރުފިޔާ އަދި އެހެނިހެން ހިދުމަތްތަކުން 85 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން މިދިޔަ އަހަރުގެ ފައިދާއަކީ 1.1 ބިލިއަން ރުފިޔާ އެވެ.

ދިރާގަށް ލިބުނު އާމްދަނީގެ ތެރެއިން ޓެކުހަށް 156 މިލިއަން ރުފިޔާ ދައްކާފައިވާއިރު މިދިޔަ އަހަރު ދިރާގުގެ ސާފު ފައިދާއަކީ 945.9 މިލިއަން ރުފިޔާ އެވެ.