އުރީދޫ

އުރީދޫއަށް މިދިޔަ އަހަރު 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އުރީދޫ އިން އާންމުކުރި މާލީ ހިސާބުތަކުން އެނގޭ ގޮތުގައި 2023 ވަނަ އަހަރާއި އަޅާބަލާއިރު ނިމުނު 2024 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.

އެ ކުންފުންޏަށް 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 2.09 ބިލިއަން ރުފިޔާ އެވެ.

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ

  • ފުރަތަމަ ކުއާޓަރު: 554 މިލިއަން ރުފިޔާ
  • ދެ ވަނަ ކުއާޓަރު: 540 މިލިއަން ރުފިޔާ
  • ތިން ވަނަ ކުއާޓަރު: 544 މިލިއަން ރުފިޔާ
  • ހަތަރު ވަނަ ކުއާޓަރު: 563 މިލިއަން ރުފިޔާ

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ.

އެ ގޮތުން މޯބައިލް ހިދުމަތްތަކުން 1.6 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ.

މީގެ އިތުރުން ފިކްސްޑް، ބްރޯޑްބޭންޑް އަދި ވިޔަފާރި ހިދުމަތްތަކުން 520 މިލިއަން ރުފިޔާ އަދި އެހެނިހެން ހިދުމަތްތަކުން 1.1 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ.

ހިންގުމުގެ ހަރަދަށް ކެނޑުމަށްފަހު ޓެކުހަށް ކެނޑުމުގެ ކުރިން މިދިޔަ އަހަރު އުރީދޫގެ ފައިދާ ހުރީ 809 މިލިއަން ރުފިޔާގަ އެވެ.

ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު އުރީދޫއަށް ވަނީ ސާފު ފައިދާގެ ގޮތުގައި 684.1 މިލިއަން ރުފިޔާ ލިބިފަ އެވެ.