ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ފްލައިޓް ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެ އެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ އެ އެއާލައިންގެ ޓިކެޓް ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަ ހައްލުކުރެވެންދެން ޓިކެޓް ބުކްކުރަން ބޭނުންވާ މީހުން 1671 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ އެއާލައިނުން ވަނީ އެދިފަ އެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މޯލްޑިވިއަން އިން ވަނީ މައާފަށް އެދިފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ 16 މަންޒިލަކަށް މޯލްޑިވިއަން އިން ދަތުރުކުރެ އެވެ. މީގެ އިތުރުން އިންޑިއާގެ ދެ މަންޒިލަކާއި ޗައިނާގެ ތިން މަންޒިލަކަށް އެ އެއާލައިނުން ދަނީ ދަތުރުތައް ބާއްވަމުންނެވެ.