އެމެރިކާ

ޓްރަމްޕްގެ އަމުރަށް އެމެރިކާއިން ސޯމާލިއާއަށް ބޮންއަޅައިފި

ސޯމާލިއާގެ ގޮއްލީސް ފަރުބަދަ ސަރަޙައްދުގައި ތިބޭ ހަނގުރާމަވެރިންގެ ހަމަލާތައް ހުއްޓުވުމަށްޓަކައި ކަމަށް ބުނެ އެމެރިކާގެ އަސްކަރިއްޔާ އިން ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ހާއްސަ އޮޕަރޭޝަނެއް ހިންގައިފި އެވެ

ޓްރަމްޕް ވިދާޅުވީ މި އޮޕަރޭޝަންގައި އެމެރިކާ އިން ހަމަލާ ދިނުމުގެ ސަބަބުން އައިއެސް ޖަމާއަތަށް ނިސްބަތްވާ ބަޔަކު މަރުވެފައިވާ ކަމަށެވެ.

"އެމެރިކާއާއި އަޅުގަނޑުމެންގެ އެކުވެރިންނަށް ނުރައްކާ ކުރަމުންދިޔަ ނިރުބަވެރިންގެ ހޮހޮޅަތައް ވަނީ ފުނޑުފުނޑުކޮށްލެވިފައި. މި ހަމަލާތަކުގައި އެއްވެސް އާންމު ރައްޔިތަކަށް ގެއްލުމެއް ލިބިފައެއް ނުވޭ،" ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ އަސްކަރީ ބާރުތަކުން މި ހަމަލާތައް އަމާޒުކުރީ ޕަންޓްލެންޑް ސްޓޭޓްގެ ކާލް މީސްކާޑް ފަރުބަދައިގެ ސަރަހައްދުގައި ހުރި އައިއެސްގެ މަރުކަޒުތަކަށެވެ.

އެ ސަރަހައްދަކީ އައިއެސްގެ މުހިއްމު މަރުކަޒެއް ކަމަށް ސޯމާލިއާގެ އިންފޮމޭޝަން މިނިސްޓަރު މުހައްމަދު އަޔިދަދް ދަރީރު ވިދާޅުވެފައިވެ އެވެ.

އެމެރިކާ އިން ހިންގި އޮޕަރޭޝަނަކީ ސޯމާލިއާގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށްވެ އެވެ.

ސޯމާލިއާގެ ރައީސް ހަސަން ޝައިޚް މަހްމޫދު ވަނީ މި އޮޕަރޭޝަނަށް ފުރިހަމަ ތާއީދުކުރައްވައި އެމެރިކާއިން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވި ގޮތުގައި ސޯމާލިއާއަށް ދިން ހަމަލާތަކާ ގުޅިގެން އައިއެސްގެ ހަނގުރާމަވެރިންގެ ހަމަލާތައް ރޭވުމުގެ ގާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށްކޮށްލެވިފަ އެވެ. އަދި މި އޮޕަރޭޝަންގައި އެމެރިކާއާއި އެ ގައުމުގެ އެކުވެރިންނާ ދެކޮޅަށް ހަމަލާތައް ރޭވުމުގައި އިސްކޮށް އުޅުނު އައިއެސްގެ ލީޑަރުންތަކެއް މަރާލެވުނު ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

މި ހަމަލާތަކުގައި މަރުވި މީހުންގެ ސީދާ އަދަދެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.