ޔޫކްރޭންގެ ބާރުގެ ދަށުގައިވާ ރަޝިއާގެ ކުރޫސްކް ސަރަޙައްދުގެ ސްކޫލަކަށް ރަޝިޔާ އިން ދިން ވައިގެ ހަމަލާއެއްގައި ހަތަރު މީހަކު މަރުވެއްޖެ ކަމަށް ޔޫކްރޭނުގެ އަސްކަރިއްޔާ އިން މިއަދު ބުނެފި އެވެ.
ޔޫކްރޭނުން މިދިޔަ އަހަރުގެ އޯގަސްޓު މަހު ދިން ހަމަލާތަކަކަށްފަހު ކުރޫސްކްގެ ގިނަ ސަރަހައްދުތަކެއް އޮތީ ޔުކްރޭންގެ ބާރުގެ ދަށުގަ އެވެ.
ރަޝިއާ އިން މިފަހަރު ދިން ހަމަލާތައް އަމާޒުކުރީ ބޯޑިން ސްކޫލަކަށް ކަމަށް ޔޫކްރޭނުގެ އަސްކަރިއްޔާ އިން ބުނެ އެވެ.
ޔުކްރޭންގެ އަސްކަރިއްޔާ އިން ބުނީ މި ހަމަލާ ދިން ވަގުތު ސްކޫލުގައި ތިބި މީހުން ދިޔައީ ރައްކާތެރި ސަރަހައްދަކަށް ދިއުމަށް ތައްޔާރުވަމުން ކަމަށެވެ.
މި ހަމަލާގައި ވެއްޓުނު އިމާރާތުގެ ތެރެއިން 84 މީހަކު ސަލާމަތްކޮށް، ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށްވެސް ޔޫކްރޭނުގެ އަސްކަރިއްޔާ އިން މައުލޫމާތު ދީފައިވެ އެވެ.
މި ހަމަލާތަކާ ގުޅޭ ގޮތުން ޔޫކްރޭނުގެ ރައީސް ވްލޮޑިމިއާ ޒެލެންސްކީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޝިއާ އިން މި ހަމަލާ ދިނީ އެ އިމާރާތުގައި އާންމު ރައްޔިތުން ތިބިކަން އެނގި ތިބެ ކަމަށެވެ.
ރަޝިއާ އިން މިފަދަ އަނިޔާވެރި އަމަލުތައް ހިންގަމުންދަނީ އެ ގައުމުގެ އަމިއްލަ ރައްޔިތުންނަށްވެސް އެއްވެސް ވަރަކަށް ނުބަލައި ކަމަށް ބުނެ ޒެލެންސްކީ ވަނީ ރަޝިއާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.