ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާތީ "ވާނުވާ" ބަންދުގައި 435 މީހަކު ތިބި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމުކޮށްގެން، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް އިއްޔެ ބޭއްވި "ބަންދު ފޯރަމް"ގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހުގެ ނިޔަލަށް "ވާނުވާ" ބަންދުގައި ތިބި 435 މީހުންގެ ތެރެއިން 364 މީހަކު ތިބީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ކަމަށާއި ބާކީ 71 މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ޝަރީއަތް ނިމެންދެން ބަޔަކު ބަންދުކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެ މުއްދަތު ދިގުވެގެން ދިއުމަކީ ހައްލުކުރަންޖެހިފައިވާ މައްސަލައެއް ކަމުގައި ވިދާޅުވި އެވެ.
"މައްސަލައަކަށް ވަނީ ޕްރީ ޓްރަޔަލް ޑިޓެންޝަނޭ ކިޔާފައި އަހަރު، ދެ އަހަރު، ތިން އަހަރު، ހަތަރު އަހަރު، ފަސް އަހަރު ވަންދެން އެއްވެސް ހުކުމެއް ނެތި ޖަލެއްގައި ބަންދުކޮށްގެން ގެންގުޅޭ ގެންގުޅުން. މިއަށް އަޅުގަނޑުމެން ހައްލު ހޯދަންޖެހޭ،" އިހްސާން ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ތިބި މީހުންގެ 25 ޕަސަންޓަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ކަމަށްވާތީ އެއްވެސް ހުކުމެއް ނެތި އެ މީހުން ދިގު މުއްދަތަކަށް ޖަލުގައި ބައިތިއްބަން ޖެހިފައިވާތީ ޖަލުތަކަށް ޖާގައިގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް ލުއި ދެވޭނެ ގޮތްތަކެއް ބެލިއިރު 95 މީހުންނަކީ އެކިއެކި ކުށްތައް ތަކުރާރުކޮށް ކޮށްފައިވާ މީހުން ކަމަށެވެ. އެހެންވެ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ގިނަ މީހުންނަކީ ފަހުންވެސް ޖަލުގައި ތިބެންޖެހޭ މީހުން ކަމުގައިވެސް ވިދާޅުވި އެވެ.