ޑރ. މުހައްމަދު މުއިއްޒު

މަގާމުން ވަކިކުރި 228 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން ސަރުކާރުން ކޯޓަށް

ސަރުކާރުން ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން ސިޔާސީ މަގާމުތަކުން ވަކިކުރި ކަމަށް ބުނާ 228 ބޭފުޅެއްގެ ނަން ސިއްރުކުރަން، ސަރުކާރުން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރައީސް މުއިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް މަގާމުން ވަކިކުރަން ނިންމެވީ އިގްތިސާދު އިސްލާހު ކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ. އޭރު ރައީސް ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވަކިކުރަން ނިންމަވާފައިވާ ބޭފުޅުން 15 ދުވަހުގެ ތެރޭގައި ވަކިކުރައްވާނެ ކަމަށެވެ. އަދި އެ ނިންމުމާއެކު 228 މީހުން ވަކިކުރި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ކޮން ބައެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ރައީސްގެ ނިންމެވުމާއެކު މަގާމުން ވަކިކުރި މީހުންގެ މައުލޫމާތު ހޯދުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހަށް ތިން ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް އެ މައުލޫމާތު ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރު ބެއްލެވުމަށްފަހު މައުލޫމާތު ދޭން ރައީސް އޮފީހަށް އެންގި ނަމަވެސް ރައީސް އޮފީހުން އެ މައުލޫމާތު ނުދީ، އެންމެ ފަހުން އެ މައްސަލަ މިވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ތިން މައްސަލައެއް ބަންޑާރަ ނާއިބު ވަނީ ހައިކޯޓަށް ހުށަހަޅުއްވާފަ އެވެ. އެ ތިން މައްސަލަވެސް މިދިޔަ ހަފްތާގައި ހުށަހަޅާފައިވާއިރު، ތިން މައްސަލައަކީވެސް މަގާމުން ވަކިކުރި 228 މީހުންނާ ގުޅޭ ތިން މައްސަލަ އެވެ.

ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މަގާމުން ވަކިކުރަން ނިންމަވާފައިވާ 228 ބޭފުޅުން ވަކިކުރަން ނިންމަވާފައިވާ ގޮތުގެ ތަފްސީލްތަކެއްވެސް ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ. ރައީސް އޮފީހުން އޭރު ބުނެފައިވަނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުން ވަކިކުރަން ނިންމި ކަމަށެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ސަރުކާރަށް ފާޑު ވިދާޅުވާ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އުޅެނީ 2،000 އަށް ވުރެ މަތީގައެވެ. ފާޑުވިދާޅުވާ ބޭފުޅުންގެ ވާހަކަތައް ސަރުކާރުން ދޮގު ކުރަމުން ދިޔަ ނަމަވެސް ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު މިއަދާ ހަމައަށްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.