ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 ޕަސެންޓުގެ ޓެކުހެއް ނަންގަވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި އަމުރު ތަންފީޒުކުރަން އިދާރާތަކަށް އަންގަވާފަ އެވެ.
ޓްރަމްޕްގެ މި އަމުރާ ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ގައުމާ މުޚާތަބުކުރައްވައި އެމެރިކާއަށް ދޫނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޓްރޫޑޯ ވިދާޅުވި ގޮތުން ކެނެޑާއަށް ޓެކުހުގެ ގޮތުގައި ބޮޑު ބުރައެއް ޖައްސާފައި ފަސޭހަ ގޮތަށް އޮތުމަކީ އެމެރިކާއަށް ލާހިކުކަމެއް ނޫނެވެ.
އެމެރިކާއިން ކެނެޑާއަށް އެތެރެކުރާ ކޮންމެ އުފެއްދުމަކުން 25 ޕަސެންޓުގެ ޓެކުހެއް ނަންގަވާނެ ކަމަށް ޓްރޫޑޯ ވިދާޅުވި އެވެ.
ކެނެޑާގެ ޕްރޮވިސްންސްތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ޓްރޫޑޯ ވިދާޅުވީ އެމެރިކާގެ މުދަލުން ޓެކްސް ނަންގަވާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.
ފުރަތަމަ ފިޔަވައްސަށް މި ހަފުތާގެ އަންގާރަ ދުވަހު އަމަލުކުރަން ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ހައެއްކަ ދުވަހުގެ ތެރޭގައި ދެވަނަ ފިޔަވައްސަށް އަމަލުކުރައްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
އެމެރިކާއިން ޓެކްސް ނަގަން ހަމަޖައްސާފައި ވަނީ ކެނެޑާގެ ކޮންކޮން އުފެއްދުމަކަށް ކަމެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް، ޓްރޫޑޯ ވިދާޅުވީ ކެނެޑާގައި ތަކެތީގެ އަގު ބޮޑުވާ ފަދައިން އެމެރިކާގައި ވެސް ތަކެތީގެ އަގުބޮޑުވާނެ ކަމަށެވެ.
އެމެރިކާގެ ރައީސްގެ މަގާމަށް ވަޑައިގަތުމަށް ފަހު ޑޮނަލްޑް ޓްރަމްޕް ވަނީ ތިން ގައުމަކާ ދެކޮޅަށް އިގުތިސާދީ ހަނގުރާމައެއް ފައްޓަވާފަ އެވެ. ރިޔާސީ އިންތިޚާބަށް ކެމްޕޭންކުރެއްވި އިރުވެސް ޓްރަމްޕް ވަނީ މި ގައުމުތަކުގެ މުދަލުން ޓެކްސް ބޮޑުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާއިން ޓެކްސް ބޮޑުކުރި ތިން ގައުމަކީ ޗައިނާ، ކެނެޑާ އަދި މެކްސިކޯ އެވެ. ކެނެޑާ އާއި މެކްސިކޯއިން 25 ޕަސެންޓް ނަގަން ހަމަޖައްސާފައި އޮތްއިރު ޗައިނާގެ މުދަލުން 10 ޕަސެންޓް ނަގާ ގޮތަށް ވަނީ ހަމަޖައްސަވާފަ އެވެ.
ޓްރަމްޕްގެ މި ނިންމެވުމުގެ އާޚިރު ނަތީޖާ އޮތް ގޮތް އަދި އެކަކަށްވެސް ނޭނގެ އެވެ. އިގުތިސާދީ މާހިރުން ދެކޭ ގޮތުގައި މިކަމުގެ އަސަރު މުޅި ދުނިޔެއަށް ވެސް ކުރާނެ އެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް ވެސް މިކަމުގެ ދަތިކަން ތަހަންމަލުކުރަން ޖެހޭނެ އެވެ.