ދިވެހިންގެ އުފާވެރިކަން މިންކުރުމަށް ކުރިއަށް ގެންދާ "ހެޕިނަސް އިންޑެކްސް" މިއަދު އިފުތިތާހުކޮށްފި އެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވާކްސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ "ހެޕިނަސް އިންޑެކްސް" ލޯންޗްކުރުމުގެ ރަސްމިއްޔާތު މިއަދު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.
މިރަސްމިއްޔާތުގައި އެކަމަނާ ވަނީ "ހެޕިނަސް އިންޑެކްސް" ލޯގޯވެސް އިފްތިތާހުކޮށްދެއްވާފަ އެވެ.
މިރަސްމިއްޔާތު މެޑަމް ސާޖިދާ ވިދާޅުވީ އަތްމަތި ތިޔާގިކަމާއި، ދުޅަހެޔޮކަމާއި، ނަފުސާނީ ފުދުންތެރިކަމާއި، މިފަދަ ހުރިހައި ކަމެއްގެ އިތުރަށް، ރޫޙާނީ ވެށި ނުވަތަ އީމާންތެރިކަން ހަރުދަނާ ކުރަން އަބަދުވެސް ވިސްނަން ޖެހޭ ކަމަށާއި، ހަގީގީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް ކަމަށެވެ.
"ކޮންމެ އިންސާނަކާއެކުގައިވެސް އުފާވެރިކަން ވާނެ. އެމީހަކަށް ހިތާމައެއް މެދުވެރިވިކަމުގައިވީ ނަމަވެސް އަލުން އުފާވެރި ހާލަތަށް ރުޖޫއަވެވޭނެ. އެއީ ގުދުރަތުން އެކަން ލައްވާފައިވާ ގޮތް،" ސާޖިދާ ވިދާޅުވި އެވެ.
ދިވެހިންގެ އުފާވެރިކަން މިންކުރުމަށް ލޯކަލް ގަވަރުމަންޓް މިނިސްޓްރީ އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ މަޝްރޫއުގެ ރިސާޗް ޕާޓްނަރަކީ އިސްލާމިކް ޔުނިވަސިޓީ މޯލްޑިވްސް (އައިޔޫއެމް) އެވެ. މިއީ ދިވެހިންގެ އުފާވެރިކަން މިންކުރުމަށް ރަސްމީ ސިފައެއްގައި އޮނިގަނޑެއް އެކުލަވާލައި، ފުރަތަމަ ފަހަރަށް ދިވެހި ގައުމުގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަތުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ފެށި ފުރަތަމަ ފަހަރެވެ.
މިރަސްމިއްޔާތުގައި މުޖުތަމައުގެ އެކި ބަހާތަކުގެ މެންބަރުން އުފާވެރިކަން މާނަ ކުރާ ގޮތް ހިއްސާކުރުންވެސް އޮތެވެ. އެގޮތުން އިސްރަށްވެހިންނާއި، ދަރިވަރުންނާއި، ކަނބަލުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޒުވާނުންގެ ޝުއޫރު ހިއްސާކޮށްފައިވެ އެވެ.
ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ހުރި މިންވަރު ބެލުމަށް "ހެޕިނަސް އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެށީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި، ކޮންމެ ރަށެއްގެ ހާލަތު ރަނގަޅަށް ދެނެގަނެވުމަކީ މުހިއްމު ކަމެއްކަމުގައި ދެކެވަޑައިގެން، ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައެވެ. ރާއްޖޭގެ "ހެޕިނަސް އިންޑެކްސް" ކަނޑައެޅުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދަނީ ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގެންފައިވާ "ބެސްޓް ޕްރެކްޓިސް" މިންގަނޑުތަކަށްވެސް ރިޢާޔަތްކޮށްގެން ކަމަށް ސަރުކާރުން ބުނެ އެވެ.