ދުނިޔެ

ޓްރަމްޕް ކެމްޕޭނަށް އީލޮން މަސްކް 288 މިލިއަން ޑޮލަރު ހޭދަކުރެއްވި

އެމެރިކާގައި މިދިޔަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި، ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭނަށް 288 މިލިއަން ޑޮލަރު އީލޮން މަސްކް ހޭދަކުރެއްވި ކަމަށް ފެޑެރަލް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކުރި ލިޔުންތަކުން ފެންނަ ގޮތުން ޓްރަމްޕްގެ ކެމްޕޭނަށް އެންމެ ގިނައި ފައިސާ ހޭދަކުރެއްވީ، ސްޕޭސްއެކްސް އަދި ޓެސްލާގެ ވެރިޔާ އީލޮން މަސްކް އެވެ.

އެމެރިކާގެ އޮންލައި ނޫސް ވޮޝިންގްޓަން ޕޯސްޓް (ވާޕޯ) އިން ބުނާ ގޮތުން އިލެކްޝަން ކޮމިޝަނުން ހާމަކުރި އަދަދަށް ވުރެ، މަސްކް ހޭދަކުރެއްވި އަދަދު ބޮޑުވާނެ އެވެ. ލިޔުންތަކަށް ނުފެންނަ ގޮތަށްވެސް މަސްކް ހޭދަކުރެއްވި ކަމަށް ވަޕޯއިން ބުންޏެވެ.

ޑޮނަލްޑް ޓްރަމްޕް ސަރުކާރުގައި އީލޮން މަސްކަށް ޚާއްސަ އިދާރާއެއް ވަނީ އުފައްދާފަ އެވެ. ޑިޕާޓްމަންޓް އޮފް ގަވާންމެންޓް އެފިޝަންސީގެ ނަމުގައި އުފެއްދި އިދާރާއަށް ހަވާލުކޮށްފައި ވަނީ ސަރުކާރު ހިންގަނީ ރަނގަޅަށްތޯ ބެލުމުގެ ޒިންމާތަކެވެ.

މި ޑިޕާޓްމަންޓުން ކުރާ އޮޑިޓަކާ ގުޅިގެން ސަރުކާރުގެ ވަޒީން ވަކިކޮށް އަދި މިނިވަން މުއްސަސާތަކުގެ ވެރިން ވަކުކުރުމަށް ހުށަހެޅޭނެ އެވެ. ވަކި އިދާރާއެއް ހިންގަނީ ޓްރަމްޕްގެ ސިޔާސަތާ ފުށުއަރާ ގޮތަށް ނަމަ އިންޒާރުދިނުމެއް ނެތި މަސްއޫލިއްޔަތުތަކުން ވެރިން އެއްކައިރިކުރުމަކީ ވެސް މަސްކަށް އޮތް ޒިންމާއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މަސްކްގެ ނުފޫޒު ޓްރަމްޕް ސަރުކާރަށް ވަރަށް ބޮޑުވާނެ އެވެ. ދުނިޔޭގެ ސިޔާސަތާ ކުޅުމުގައި މަސްކަށް ފެނިވަޑައިގަންނަވާ ގޮތް ޓްރަމްޕް ސަރުކާރުން އިޚުތިޔާރުކުރާނެ ކަމަށްވެސް ބުނެވެ އެވެ.