އެމްއެމްޕީއާރްސީ

މޯލްޑިވިއަން ނައިޓްގައި އިންޑިއާގެ 100 އަށްވުރެ ގިނަ ފަންނާނުން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މުމްބާއީގައި 100 އަށްވުރެ ގިނަ ފަންނާނުންނާއި އިންފުލޫއެންސަރުންނަށް "މޯލްޑިވިއަން ނައިޓް" ގެ ނަމުގައި އިވެންޓެއް ބާއްވައިފި އެވެ.

މި ހަރަކާތަކީ އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަލް އޯޓީއެމް މުމްބާއީއާއެކު ސްޓްރެޓެޖިކް ގޮތެއްގައި އިންތިޒާމުކޮށްފައިވާ ހަރަކާތެއް ކަމަށާއި މިއީ އިންޑިއާގެ މާކެޓާ ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ހަރަކާތެއް ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފަ އެވެ.

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުހިންމު މާކެޓެއްކަން ފާހަގަކޮށް އެމްއެމްޕީއާރުސީ އިން ބުނީ މި އަހަރު 300،000 އަށްވުރެ ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީ އިން ބުނި ގޮތުގައި "މޯލްޑިވިއަން ނައިޓް" ގައި އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންނާއި އިންފްލުއެންސަރުން ބައިވެރިވި އެވެ.

މީގެ ތެރޭގައި ފަރާހް ހާން، މޯނީ ރޯއީ، ފަރްދީން ހާން، ވިހާން ސަމަތް އަދި އަންގަދް ބެދީ ހިމެނޭ ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފަ އެވެ.

މޯލްޑިވިއަން ނައިޓް މަންދާނާ ކަރީމީ، ޝްރެޔާ ޕިލްގާއޮންކަރް، ޝަޝާންކް ސަންގާވީ، ރިޗީ ޝާހް އަދި ރުޗީ ސޯނީވެސް ބައިވެރިވި އެވެ.

ސޯޝަލް މީޑިއާގައި މި ފަންނާނުންގެ ޖުމްލަ ފޮލޯވަރުންގެ އަދަދު 200 މިލިއަނަށްވުރެ އިތުރުކަން ފާހަގަކޮށް އެމްއެމްޕީއާރުސީ އިން ބުނީ މިއީ އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ލިބިގެންދިޔަ ހަރަކާތެއް ކަމަށެވެ.

މީގެ އިތުރުން މީގެ ތެރެއިން މި އިންފްލުއެންސަރުންގެ ތެރެއިން ގިނަ ބަޔަކު ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރާނެ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފަ އެވެ.