އިންޑިއާއިން މި އަހަރު ރާއްޖެއަށް ތިން ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ހިފައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުހިންމު މާކެޓެއް ކަމަށާއި މި އަހަރު އެ ގައުމުން ތިންލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ގެނައުމުގެ އަމާޒު ހިފާފައިވާ ކަމަށެވެ.
މި އަމާޒު ހާސިލުކުރުމަށްޓަކައި މާކެޓިން މަސައްކަތްތަކެއް އެމްއެމްޕީއާރުސީ އިން ވަނީ ފަށާފަ އެވެ.
މީގެ ތެރޭގައި ސަމަ ކެމްޕެއިނާއި އިންޑިއާގެ ބޮޑެތި އެއާލައިންތަކާއެކު ކުރިއަށްގެންދާ ކެމްޕެއިންތަކުގެ އިތުރުން މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާއެކު ޕާޓްނާޝިޕްތައް ގާއިމުކުރުން ހިމެނޭ ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފަ އެވެ.
އިންޑިއާގައި ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން މުމްބާއީގައި 100 އަށްވުރެ ގިނަ ފަންނާނުންނާއި އިންފުލޫއެންސަރުންނަށް "މޯލްޑިވިއަން ނައިޓް" ގެ ނަމުގައި އިވެންޓެއްވެސް ވަނީ ބާއްވާފަ އެވެ.
އިންޑިއާއަކީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.
އިންޑިއާއިން 2023 ވަނަ އަހަރު ރާއްޖެއަށް 209،198 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. ނަމަވެސް ފާއިތުވި 2024 ވަނަ އަހަރު ނިމުނުއިރު އިންޑިއާ އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ހަ ވަނައިގަ އެވެ. އެ ގައުމުން މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 130،328 ފަތުރުވެރިންނެވެ.