އަރަބް ލީގު

ޣައްޒާ ހުސްކުރަން ޓްރަމްޕް ގެންގުޅުއްވާ ޕްލޭނާ އަރަބި ގައުމުތަކުން ދެކޮޅު

މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި އަރަބި ގައުމުތަކުގެ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގައި، ޣައްޒާގައި ތިބި ފަލަސްޠީނު ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމަށް އެމެރިކާ އިން ހުށަހެޅި ހުށަހެޅުމާ ދެކޮޅު ހަދައި، "ދެ-ދައުލަތުގެ" ހައްލު ތަންފީޒުކުރުމަށް އަރަބި ގައުމުތަކުން ގޮވާލައިފި އެވެ.

މިސްރުގެ ދައުވަތަކަށް ބޭއްވި މި ބައްދަލުވުމުގައި ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، އުރުދުން، ފަލަސްތީން އަދި އަރަބި ލީގުގެ މަންދޫބުން ބައިވެރިވި އެވެ.

މެދުއިރުމަތީގައި އަދުލުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިއްމުކަން މިބައްދަލުވުމުގައި ގައުމުތަކުގެ ވަޒީރުން ފާހަގަކުރައްވާފައިވެ އެވެ.

މި ބައްދަލުވުމުގައި ފަލަސްތީން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުމުގެ ކޮންމެ މަސައްކަތަކާ ދެކޮޅު ހަދާނެކަން ހާމަކޮށް، އިޒުރޭލު ސިފައިން ޣައްޒާއިން މުޅިން ފޭބުމަށް ގޮވާލާފައިވެ އެވެ.

ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ނެރުމަށް ކުރެވޭ އެއްވެސް މަސައްކަތަކަށް އެ ގައުމުން އެއްބާރުލުން ނުދޭނެ ކަމަށެވެ.

މި ބައްދަލުވުން ބޭއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޣައްޒާ "ސާފުކޮށް" އެތަނުގެ ރައްޔިތުން މިސްރާއި އުރުދުންއަށް ބަދަލުކުރުމަށް ވިސްނަވާކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ނަމަވެސް މިސްރާއި އުރުދުން އިން ވަނީ މި ހުށަހެޅުމާ ވަރަށް ބޮޑަށް ދެކޮޅު ހަދާފަ އެވެ.

މި ހުށަހެޅުން އައީ ޖެނުއަރީ 19 ގައި ޣައްޒާގައި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމެއް ތަންފީޒު ކުރަން ފެށި ފަހުންނެވެ. އިޒުރޭލުން ޣައްޒާގެ ރައްޔަތުންނާ ދެކޮޅަށް ހިނގާ ގަތުލުއާންމުގައި 47،400 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.