މޫސުމީ ބަދަލުތަކަށާއި ޤުދުރަތީ ކާރިސާތަަކަށް ބަލައިގެން ދަނޑުވެރިކަން ތަރައްގީކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް އޯގަނައިޒޭޝަން ފޯ ފުޑް ސެކިއުރިޓީ (އައިއޯއެފްއެސް) ގުޅިގެން މިއަދު ވަނީ ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމާ ބެހޭ ކޮންފަރެންސް ފަށާފަ އެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނީ ދިރިއުޅުމާއި ދަނޑުވެރިކަމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމާއި، ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުން އިތުރުކުރުމަށްޓަކައި ދަނޑުވެރިންގެ ފަންނީ ގާބިލްކަން އިތުރުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. އަދި ކެމިކަލް އެކުލެވޭ ގަސްކާނާގެ ސަބަބުން ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅިގެން ކަންބޮޑުވުންވެސް ފާޅުކުރެއްވި އެވެ.
ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށްޓަކައި އެންމެ ފަހުގެ އިޖާދީ ގޮތްތަކާއި މަޢުލޫމާތުގެ ބޭނުން ކުރުމާއި، ހާއްސަކޮށް، އާޓިފިޝަލް އިންޓެލިޖެންސް، (އޭއައި)ގެ ބޭނުން ހިފުން މިއަދު މުހިއްމު ކަމުގައި އެކަމަނާ ވިދާޅުވި އެވެ. އެފަދަ ޒަމާނީ އައު އީޖާދުތަކުގެ ބޭނުންހިފައި އަދި ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ކޮށްގެން، އުފެއްދޭ މިންވަރު އިތުރުކޮށް، ވިލުންވެރި، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ގާއިމުކުރަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ސާޖިދާ ވިދާޅުވީ އެފަދަ ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ގައިންގަޔަށް ނާރާ ބަލިތައް މަދުކުރެވި، ރައްޔިތުންގެ ދުޅަހެޔޮކަން ޔަޤީންކުރެވިގެންދާނޭ ކަމަށެވެ. މީގެ އިތުރުން އެފަދަ ނިޒާމެއްގެ ތެރެއިން، ކާބޯތަކެތީގެ ފެންވަރު ކަށަވަރުކުރެވި އަދި ފެންވަރު ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ފަހިކުރެވޭ ގޮތަށް ނިޒާމު ފަރުމާކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ކްލައިމެޓް ރެޒިލިއެންޓް އެގްރިކަލްޗަ ފޮ ފުޑް ސެކިއުރިޓީ އިން މޯލްޑިވްސް ކޮންފަރެންސަކީ އެމްއެންޔޫއާއި އިސްލާމިކް އޯގަނައިޒޭޝަން ފޮ ފުޑް ސެކިއުރިޓީ (އައިއޯއެފްއެސް) ގުޅިގެން ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، ދިރާސާވެރިންގެ ބައިވެރިވުމާއެކު ބާއްވާ ކޮންފަރެންސެކެވެ.