ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފުލުހުންނަށް ހާއްސަކޮށްގެން ހަދާފައިވާ ހައުސިން ޔުނިޓްތައް -- ބްލޫސް ހައުސިން ޕްރޮޖެކްޓް މަޝްރޫއު ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަން އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓީމެއް ފުލުހުންގެ ޕޮލްކޯ އޮފީހަށް ވަދެއްޖެ އެވެ.
އޭސީސީގެ ތަހުގީގު ޓީމުން ކޯޓު އަމުރަކާ އެކު މިއަދު ހަވީރުގެ ވަގުތެއްގައި ވަދެފައިވަނީ ފުލުހުން އިސްކަންދަރުކޮށްދީގައި ހުންނަ ޕޮލްކޯ އޮފީހަށެވެ.
ޕޮލްކޯ އޮފީހުގައި އޭސީސީގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވި ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.
އޮޑިޓާ ޖެނަރަލް މިދިޔަ މަހު ނެރުނު އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފުލުހުންގެ ފްލެޓްތައް އިމާރާތް ކުރުމަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއީ 355 މިލިއަން ރުފިޔާގެ ގެއްލުން މިހާރުވެސް ލިބިފައިވާ މަޝްރޫއެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޕޮލިސް ފްލެޓްތައް ނިންމަން އެއްބަސްވުމަށް ބަދަލުތައް ގެނެސް އެކި ކޮންޓްރެކްޓަރުންނަށް މަސައްކަތް ހަވާލުކޮށް ކޮންޓްރެކްޓަރުން ނިންމާ މަސައްކަތަށް ފައިސާ ދިނުމުގެ ބަދަލުގައި ކޮންމެ ކޮންޓްރެކްޓަރަކަށް ފައިސާ ދީފައިވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށެވެ.
އެހެންވެ އެ މައްސަލަތައް އޭސީސީއާއި ކަމާ ގުޅޭ އިދާރާތަކުން ބަލައި މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނަރަލްގެ ރިޕޯޓްގައިވެސް ލަފާ ދީފައިވެ އެވެ.