ދުނިޔެ

ފަލަސްތީނަށް މިނިވަން ދައުލަތެއް ކަށަވަރުވުމުގެ ކުރިން އިޒުރޭލާ ގުޅުން ބަދަހިކުމެއް ނޯންނާނެ: އަލްޖީރިއާ

ފަލަސްތީނަށް މިނިވަން ދައުލަތެއް ކަށަވަރުމުގެ ކުރިން އިޒުރޭލާ އެކު ހަރުދަނާ ގުޅުމެއް ނުބާއްވާނެ ކަމަށް ފަރަންސޭސި ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި -- އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތަބޫން ބިދާޅުވެއްޖެ އެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުމަށް ފަހު އިޒުރޭލާ އެކު ސިޔާސީ ގުޅުން ގާއިމުކުރުން ކިހާދުވަހެއް ނަގާނެތޯޯ ފަރަންސޭސި ނޫހުން ކުރި ސުވާލަށް އަބްދުލް މަޖީދު ވިދާޅުވީ ހަމަ އެ ދުވަހު ގުޅުން ބަދަހިކުރާނެކަން އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން ކަމަށެވެ.

އަލްޖީރިއާއަށް މުހިންމީ ފަލަސްތީނަށް މިނިވަން ދައުލަތެއްތޯ ނުވަނަ އިޒުރޭލާ ގުޅުން ބަދަހިކޮށްގެން ހުޅަނގުގެ ތައުރީފުތޯ ސުވާލުކުރުމުން އަލްޖީރިއާގެ ރައީސް ވިދާޅުވީ މުހިންމީ ފަލަސްތީންގެ ރައްޔިތުންގެ އިހުސާސް ކަމަށެވެ.

އަލްޖީރިއާއިން މިހާތަނަށް އިޒުރޭލާ އެކު ސިޔާސީ ގުޅުން ގާއިމުކޮށްފައެއް ނުވެ އެވެ. އެމެރިކާ އަދި ޔޫރަޕުން ކުރާ ޕްރެޝަރަށް ދީއްލައިލުމެއް ނެތި، އަލްޖީރިއާގެ ވިސްނުން އަދިވެސް އޮތީ އެއް ހަމައެއްގަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ދަައުރުގައި އިޒުރޭލާ އެކު ގުޅުން ބަދަހިކުރުމަށް އަރަބި ގައުމުތަކަށް ތައާރުފުކުރި އަބްަރަހަމް އެކޯޑްސްގައި ވެސް އަލްޖީރިއާ ބައިވެރިއެއް ނުވެ އެވެ.

ގަލްފްގެ އަރަބި ބައެއް ގައުމުތަކުން އިޒުރޭލާ ގުޅުން ބަދަހިކުރި ނަމަވެސް، އަލްޖީރިއާ އޮތީ ފަލަސްތީނާ އެކު އާންމު ރައްޔިތުން މަސްލަހުކުރުމުގަ އެވެ.

ފަލަސްތީންއާ އެކު އޮތުމަށް އަަލްޖީރިއާއަށް ހިތްވަރު ލިބިފައި ވަނީ ފަރަންސޭސި އިސްތިއުމާރީ ދުވަސްވަރު އަލްޖީރިއާއަށް ޖެއްސި ހާލުންނެވެ.

ފަރަންސޭސިވިލާތާ އެކު ގާތް ގުޅުމެއް އަލްޖީރިއާއިން ދެމެހެއްޓި ނަމަވެސް، ފަރަންސޭސިންގެ އިސްތިއުމާރީ އަނިޔާތައް ހަނދުމަ ނުނެތޭ ކަމަށް ރައީސް އަބްދުލްމަޖީދު ވިދާޅުވި އެވެ.

އަބްދުލްމަޖީދު ވިދާޅުވި ގޮތުގައި ފަރަންސީސިވިލާތާ އެކު އޮތް ގުޅުން މިހާރަށް ވުރެ ގޯސްވުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫނެވެ.

ނަމަވެސް، ފަރަންސޭސި ރައީސް މެކްރޮންއަށް މިހާރަށް ވުރެ ގުޅުން ބަދަހިކުރެވިދާނެ ގޮތްތައް އެނގިވަޑައިގަންނަވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އަލްޖީރިއާގެ ރައީސް ވިދާޅުވި އެވެ.