ލަލީގާގެ ރައީސް ހާވިއޭ ޓެބާސް، ރެއާލް މެޑްރިޑުން ޔޫރަޕިއަން ސުޕަ ލީގުގެ މަޝްރޫއު ހުއްޓާލާފައި ނުވާތީ އެ ކްލަބަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ދެހާސްއެކާވީސް ވަނަ އަހަރު ފެށި ޔޫރަޕިއަން ސުޕަ ލީގުގެ މަޝްރޫއަކީ ފުޓްބޯޅަ ދުނިޔެއަށް އައި ވަރަށް ބޮޑު އޮޅުންގަނޑެއް ކަމަށް އޭނާ ބުނެ އެވެ.
ޓެބާސް ބުނީ މިއީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އަމިއްލަ މަންފާއަށް ކުރާ މަސައްކަތެއް ކަމަށެވެ. މި ޕްރޮޖެކްޓަކީ ފުޓްބޯޅައަށް އެއްވެސް ފައިދާއެއް ނުކުރާނެ އަދި ސަޕޯޓަރުންނަށް މާޔޫސްކަން ގެނެސްދޭނެ ކަމެއް ކަމަށްވެސް ބުންޏެވެ.
ބާރަ ކުލަބަކުން އިސްނަގައިގެން މި ޕްރޮޖެކްޓް ފެށި ނަމަވެސް މިހާރު ސުޕަ ލީގާ އެއްކޮށް ކުރިއަށް ދާން ތިބީ ދެ ކްލަބެވެ. އެހެން ކްލަބުތަކުން ގޮތްދޫކުރި ނަމަވެސް ރެއާލް މެޑްރިޑާއި ބާސެލޯނާ އަދިވެސް އޮތީ އެކަމުގައި ކުރިއަށްދާ ގޮތަށެވެ.
ފީފާއާއި ޔޫއެފާ އަދި އެގައުމުތަކުގެ ފެޑަރޭޝަންގެ ފިއްތުންތަކުގެ ސަބަބުން އެހެން ކުލަބުތަކުން ވަނީ 72 ގަޑިއިރުގެ ތެރޭގައި މި ޕްރޮޖެކްޓުން ވަކިވެފަ އެވެ.
ފީފާއާއި ޔޫއެފާ އިން މި ޕްރޮޖެކްޓަށް ވަނީ ވަރަށް ބޮޑަށް އިންޒާރު ދީފަ އެވެ. އެ އިދާރާތަކުން ބުނެފައިވަނީ މި ލީގުގައި ބައިވެރިވާ ކޮންމެ ކުޅުންތެރިޔަކަށް އެހެން މުބާރާތްތަކުގައި ބައިވެރިވުމަށް ހުރަސް އެޅޭނެ ކަމަށެވެ.