ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ.
"ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް ޢަޒުމް ކަނޑައަޅަމާތޯ،" ރައީސް މުއިއްޒު އެދިވަޑައިގެންނެވި އެވެ.
ރައީސްގެ މެސެޖުގައި ވަނީ ގުޅިގެންކުރާ މަސައްކަތްތަކާއެކު ކެންސަރުން ރައްކާތެރިކަން ކަށަވަރު ކުރުމާއި ކެންސަރު ހުރިކަން ދުރާލާ ދެނެގަނެ ކޮންމެ މީހަކަށްވެސް ހަމަހަމަކަމާއެކު ފަރުވާ ދެވޭކަން ކަށަވަރުކުރުމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރައްވާފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ 2020 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގަ އެވެ.
މިގޮތުން އާސަންދައިގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި 2016 އިން 2019 އަށް ރާއްޖޭގައި 7500 އަށް ވުރެ ގިނަ މީހުން ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދާފައެވެ.