އެމެރިކާ

އެމެރިކާގައި ގަވައިދާ ހިލާފަށް އުޅޭ އިންޑިއާ މީހުން އަސްކަރީ މަތިންދާ ބޯޓުތަކުގައި ގެންދަނީ

އެމެރިކާގައި ގަވައިދާ ހިލާފަށް އުޅޭ އިންޑިއާގެ ރައްޔިތުން އަސްކަރީ މަތިންދާ ބޯޓުތަކުގައި އަނބުރާ ގައުމަށް ގެންދަން ފަށައިފި އެވެ.

ހޯމަ ދުވަހު C-17 މަރުކާގެ އަސްކަރީ މަތިންދާ ބޯޓެއް އިންޑިއާގެ ރައްޔިތުންތަކެއް ގޮވައިގެން އެމެރިކާއިން އިންޑިއާ އަށް ދިއުމަށް ފުރާފައިވެ އެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސަތާ އަލުން ހަވާލުވެވަޑާއިގަތުމަށްފަހު އިންޑިއާއަށް ފޮނުވި މިފަދަ ފުރަތަމަ އަސްކަރީ މަތިންދާ ބޯޓު ކަމަށް އެމެރިކާގެ އިސް މަސްއޫލުވެރިންނާ ހަވާލާދީ ރުއިޓާސްގައި ރިޕޯޓުކޮށްފައިވެ އެވެ.

ޓްރަމްޕް ސަރުކާރުގެ އިމިގްރޭޝަން އެޖެންޑާ ތަންފީޒު ކުރުމަށް އެމެރިކާގެ އަސްކަރީ ބާރުތައް ބޭނުންކުރުން ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން މެކްސިކޯ އާއި އެމެރިކާ ގުޅޭ ސަރަޙައްދު ޕެޓްރޯލް ކުރުމަށް އިތުރު ސިފައިން ފޮނުވައި، އަސްކަރީ މަތިންދާ ބޯޓުތަކުގައި ގަވައިދާ ހިލާފަށް އުޅޭ މެކްސިކޯ ރައްޔިތުން އަނބުރާ ފޮނުވާލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ އެސިސްޓެންޓް ސެކްރެޓަރީ ރޮއިސް މަރޭ ވިދާޅުވީ އޮކްޓޯބަރު 2023 އިން ސެޕްޓެމްބަރު 2024 އަށް 1,100 އަށް ވުރެ ގިނަ އިންޑިއާ މީހުން އަނބުރާ ގައުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް އެމެރިކާގައި އުޅޭ އިންޑިއާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކޮށްފައިވެ އެވެ.

ރައީސް ޓްރަމްޕް އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯވެސް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހަރުކަށިކޮށް ނަންގަވާނެ ކަމަށެވެ.

އިންޑިއާގެ އޮފިޝަލުން ވަނީ ގަވައިދާ ހިލާފަށް އުޅޭ އިންޑިއާގެ ރައްޔިތުން، އަނބުރާ ގައުމަށް ގެންދަން އެއްބަސްވެފައި ކަމަށްވެސް އެމެރިކާ ސަރުކާރުން ބުނެ އެވެ.