ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ހައިވޭގައި ހޮނިހިރު ދުވަހު ބިދޭސީއަކު މަރުވި އެކްސިޑެންޓާއި ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި އެކްސިޑެންޓް ހިނގި މަންޒަރު ފެންނަ ފުލުހުންގެ ސީސީޓީވީ ފުޓޭޖެއް ވަނީ އާންމުވެފަ އެވެ.
އެ ވީޑިއޯގައި ހައިވޭގައި ބަހައްޓާފައި ހުރި ޓްރެފިކް ކޯނެއްގައި ޖެހި ބިދޭސީ މިހާ ވެއްޓޭ މަންޒަރު ފެނެ އެވެ. އަދި އެ ވަގުތު ފަހަތުން ދުއްވާފައި އަންނަ ސައިކަލު ކޮންޓްރޯލް ނުވެ އެ ބިދޭސީ މީހާގެ ގައިމަތިންދާ މަންޒަރު ފެނެ އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މި އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ލައިސަންސް ހިފަހައްޓައި އޭނާ ދުއްވި ސައިކަލު ޓޯ ކޮށްފައިވާ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.
މި އެކްސިޑެންޓާ ގުޅިގެން އެ ސައިކަލު ދުއްވި 60 އަހަރުގެ މީހާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ މީހާ ހައްޔަރުކުރި ކަމެއް ނުވަތަ ނުކުރާ ކަމެއްވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުން ހޮނިހިރު ދުވަހު ހާމަކުރިއިރު ބުނީ އެކްސިޑެންޓް ހިނގީ ހުޅުމާލެއިން މާލެއަށް އަންނަ ލޭންގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި، ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ.
އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ގެންދެވުނު ކަމަށާއި ފަރުވާ ދެމުންދަނިކޮށް ހޮނިހިރު ދުވަހު ހެނދުނު 9:05 ހާއިރު އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.
މި އެކްސިޑެންޓްގައި މަރުވީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މީގެ ކުރިންވެސް ބުނެފަ އެވެ.