މޯޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

ފިލިޕީންސްގެ ރޯލީ އޭވިއޭޝަން އެކަޑަމީއަށް ސީއޭއޭގެ އޭޓީއޯ ހުއްދަ ލިބިއްޖެ

ފިލިޕީންސްގެ ރޯލީ އޭވިއޭޝަން އެކަޑަމީއަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ)ގެ ހުއްދަ ލިބިއްޖެ އެވެ.

މިހުއްދަ ލިބުމާ ގުޅިގެން އެކަޑަމީން ވަނީ "ބިކަމް އަ ޕައިލެޓް: އަ މޯލްޑިވިއަން އޭވިއޭޓަ"ގެ ނަމުގައި މައުލޫމާތު ދިނުމުގެ ހާްއްސަ ސެޝަނެއް ބާއްވާފަ އެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އޭޓީއޯގެ ހުއްދަ ދީފައިވާ ބޭރުގެ ދެވަނަ ފްލައިން ސްކޫލަކީ ރޯލީ އޭވިއޭޝަން އެކަޑަމީ އެވެ. މިހާރުވެސް 200 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން އެކަޑަމީގައި ކިޔަވަމުންދާއިރު، މިއަހަރު އިތުރު 90 އަށް ވުރެ ގިނަ ދަރިވަރުން ކޯސްތަކުގައި ބައިވެރިވާނެ ކަމަށް ބުނެވެ އެވެ.

ރޯލީ އޭވިއޭޝަން އެކަޑަމީގެ ޕްރެޒިޑެންޓް ކެޕްޓަން ޗަންބިޔަން ޕާކް ވަނީ ރާއްޖެ ވަޑައިގެން އޭޓީއޯގެ ސެޓްފިކެޓް އޮފް އެކްރެޑިޓޭޝަން ބަލައިގަތުމަށް ހަމަޖެހިފަ އެވެ. އެކަޑަމީގެ ޗީފް އޮޕަރޭޓިން އޮފިސާ އަދި ހެޑް އޮފް ޓްރެއިނިން ކެޕްޓަން މަދު ޕުލިޔަންކަލަތު ވިދާޅުވި ގޮތުގައި މި ހުއްދަ ލިބުމުން ދަރިވަރުންނަށް ކޯސް ނިންމުމާއެކު ސީދާ ދިވެހިރާއްޖޭގެ ފްލައިން ލައިސަންސް ހޯދޭނެ އެވެ.

ރޯލީ އޭވިއޭޝަން އެކަޑަމީގައި ޕްރައިވެޓް ޕައިލެޓް ލައިސަންސް (ޕީޕީއެލް)، ކޮމާޝަލް ޕައިލެޓް ލައިސަންސް (ސީޕީއެލް)، މަލްޓި-އެންޖިން ރޭޓިންސް، އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސަންސް (އޭޓީޕީއެލް) ތިއަރީ، ފްލައިޓް އަދި ގްރައުންޑް އިންސްޓްރަކްޗާ ކޯސްތައް ކުރިއަށް ގެންދެ އެވެ. މި އެކަޑަމީގައި ކިޔަވައި ނިންމި ދަރިވަރުން މިހާރު މޯލްޑިވިއަން، ޓީއެމްއޭ އަދި މަންޓާ އެއާ ފަދަ އެއާލައިންތަކުގައި މަސައްކަތް ކުރަމުންދެ އެވެ.

ރޯލީ އޭވިއޭޝަން އެކަޑަމީން އިންތިޒާމުކުރި މައުލޫމާތު ދިނުމުގެ ސެޝަނުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. މި ސެޝަނުގައި އެކަޑަމީގެ އިސްވެރިންނާއި، ކުރީގެ ދަރިވަރުން ބައިވެރިވެ، އެކަޑަމީގައި ކިޔެވުމުގެ ތަޖުރިބާތައް ހިއްސާކުރި އެވެ.