ރައްޔިތުންގެ މަޖިލިސް

އެފްޑީސީގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަނީ

ކުރީގެ ސަރުކާރުން ފެށި "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ހަވާލުކުރުން ލަސްވާ މައްސަލައިގައި އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހާޒިރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފި އެވެ.

މެންބަރު މުހައްމަދު އިބްރާހީމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވަނީ އެފްޑީސީ އިން އިމާރާތްކުރާ 4،000 ފްލެޓްގެ ތެރެއިން 744 ފްލެޓް މިހާރުވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއަށް އިންޑިއާއިން ނަގާފައިވާ ލޯނަށް ކޮންމެ މަހަކު ދައުލަތުން 23.39 މިލިއަން ރުފިޔާ އަދި އެފްޑީސީގެ ރިކަރަންޓް ހަރަދަށް މަހަކު 3.2 މިލިއަން ރުފިޔާ ހޭދަވަމުންދާކަން ފާހަގަކޮށް ކުޑޫގެ ސިޓީގައި ވަނީ ނިމިފައިވާ ފްލެޓްތަކާއި ކޮމާޝަލް އޭރިއާ ދޫކޮށްގެން ކޮންމެ މަހަކު ދައުލަތަށް 10.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

ފްލެޓާއި ކޮމާޝަލް އޭރިއާއިން ލިބޭ އާމްދަނީ އިން ލޯނު އަދާކުރެވެން އޮތްއިރު ރައްޔިތުންގެ ފައިސާއިން ލޯނު ދައްކަނީ ކީއްވެތޯ އެފްޑީސީގެ އިސްވެރިންނާ ސުވާލުކުރަން ބޭނުންވާ ކަމަށް މެންބަރު މުހައްމަދު އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.

މަޝްރޫއުގެ ހުލާސާއެއް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އެފްޑީސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 އެޕާޓްމަންޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.

އެފްޑީސީ އިން މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް މިމަޝްރޫއުގައި ހިމެނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.