ޑޮނަލްޑް ޓްރަމްޕް

ޣައްޒާއަކީ އެމެރިކާގެ ބާރު ހިނގާ ތަނަކަށް ހަދާނަން: ޓްރަމްޕް

ފަލަސްތީންގެ ޣައްޒާ އަކީ ޣައްޒާ އަކީ އެމެރިކާގެ ބާރު ހިނގާ ތަނަކަށް ހަދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިކަން ހާމަކުރެއްވީ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ބޭއްވި ބައްދަލުވުމަށްފަހު އެވެ.

"އަޅުގަނޑުމެން އެތަން އާރާސްތުކޮށް، އެތައްހާސް ވަޒީފާތަކެއް އުފައްދައި، މެދުއިރުމަތި ފަޚުރުވެރިވާ ފަދަ ތަނަކަށް ޣައްޒާ ހަދާނަން،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ މިވާހަކަތައް ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. ހާއްސަކޮށް އަރަބި އަދި އިސްލާމީ ގައުމުތަކުން ވަނީ މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއްކަން ފާހަގަކޮށްފަ އެވެ.

ހަމާސްގެ ތަރުޖަމާނު ސާމީ އަބޫ ޛަހްރީ ވިދާޅުވީ މިއީ ސަރަޙައްދީ ހަމަޖެހުން ނަގާލުމަށް އަމާޒުކޮށްފައިވާ ނުރައްކާތެރި ހުށަހެޅުމެއް ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުން މި ކަމަށް ހުއްދައެއް ނުދޭނެކަން އެނގިހުރެ ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާ މި ވަގުތު އޮތީ ސުންނާފަތި ކޮށްލާފަ އެވެ. ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އެ ސަހަރުގެ އުމްރާނީ ވަސީލަތްތައް ސުންނާފަތި ކޮށްލައިފައި ވަނީ އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން 15 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ލާއިންސާނީ ހަމަލާތަކުގެ ތެރެއިންނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި މިއީ ޣައްޒާގެ 2.3 މިލިއަން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން، އެ ބައިމީހުންގެ ދިރިއުޅުމުގެ އުފާ ނިގުޅައިގަތުމުގެ އަމަލެކެވެ.