އެސްޓީއޯ

ރޯދައަށް ބާޒާރުގެ އަގުތައް ހިފަހައްޓަން އެސްޓީއޯއިން ތައްޔާރުވެއްޖެ

ކުރިއަށް އޮތް ރަމަޟާން މަހަށް ބޭނުންވާ ޒަރޫރީ މުދާ ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެސްޓީއޯ އިން ތައްޔާރުވެއްޖެ އެވެ.

ރަމަޟާން މަހަށް ބޭނުންވާ ތަކެތި އެކަށީގެންވާ އަގެއްގައި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ލިބޭނެ މަގު ފަހި ކޮށްދިނުމަށްޓަކައި ކޮންމެ އަހަރަކުވެސް އިކޮނޮމިކް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ހާއްސަ ތައްޔާރީތަކެއް ވަމުންދެ އެވެ.

ރަމަޟާން މަހަކީ ކާބޯތަކެތީގެ ޑިމާންޑް އިންތިހާއަށް އިތުރުވާ ދުވަސްވަރަކަށް ވުމާ އެކު އަގުތައް މައްޗަށް ދިއުމާއި ބޭނުންވާ ވަރަށް އެފަދަ މުދާ ފޯރުކޮށްދެވޭ ގޮތް ނުވުމަކީ އާންމުކޮށް ދިމާވާ މައްސަލައެކެވެ.

އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާވެސް ކުރިމަތިލާން ޖެހެ އެވެ.

އެސްޓީއޯ އިން ބުނީ ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ގައުމަކަށް ވުމާއެކު، ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތައް ދިރާސާކޮށް، ރާއްޖޭގެ ބާޒާރުގައި އުފެދޭ ޑިމާންޑާ އެއްވަރަށް މުދާ ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ދެކޭ ކަމަށެވެ. އެހެންވެ އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހަށް އެސްޓީއޯއިން ވަނީ ބޭނުންވާ މުދާ ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވެފަ އެވެ.

އެސްޓީއޯ އިން ބުނީ ކުރީ އަހަރުތަކުގެ ތަޖުރިބާއާއެކު، މިއަހަރު ވަކިން ހާއްސަކޮށް އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލުއިވާނެހެން ކަންކަން އިންތިޒާމު ކުރަމުންދާ ކަމަށެވެ. ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް މޮނިޓާކޮށް، އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ. ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް މުދާ އިމްޕޯޓްކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައްވެސް ހަމަޖައްސާން ކަމަށް ބުންޏެވެ.

ރަމަޟާން މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތި ރާއްޖެ ގެނައުމަށް ދުރާލާ އޯޑަރުކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެގޮތުން ފުރަތަމަ ޝިޕްމަންޓް މިމަހުގެ ކުރީކޮޅު ބާޒާރަށް ނެރުމަށްވެސް އެސްޓީއޯ އިން ދަނީ ތައްޔާރުވަމުންނެވެ. އަދި އެއަށްފަހު ގަވާއިދުން އެހެނިހެން ޝިޕްމެންޓްތައް ރާއްޖެ ގެންނާނެ ކަމަށްވެސް ބުންޏެވެ. އަދި އެސްޓީއޯ އިން ވަނީ ހަތަރު ކެޓެގަރީ އަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށްވެސް ތައްޔާރުވެފަ އެވެ. އެއީ:-

  • އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
  • ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
  • ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކެޓް ބީންސް، ގެރިކިރު ދަޅު
  • ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ތަކެތީގެ އިތުރުން އެހެނިހެން މުހިންމު ކާބޯތަކެތި ވެސް ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯ އިން ވަނީ ނިންމާފަ އެވެ. ހާއްސަކޮށް ބާޒާރުގައި އަގު މައްޗަށް ދާ ކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދިނުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ. އަދި އަސާސީ މުދަލެއްގެ އަގު އެކަށީގެންނުވާ މިންވަރަކަށް މައްޗަށް ދާނަމަ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯ މެދުވެރިވެ، އަގު ކޮންޓްރޯލްކޮށް، މުދާ ލިބޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށްވެސް ބުންޏެވެ.

އެސްޓީއޯގެ މަގުސަދަކީ އުފެދޭ ޑިމާންޑާ އެއްވަރެއްގައި މުދާ ފޯރުކޮށްދީ މާކެޓްގައި ސަޕްލައި ގެޕެއް އުފެދި އޭގެ ބުރަ އާންމު ރައްޔިތު މީހާ އުފުލަން ނުޖެހޭނެހެން އިންތިޒާމުތައް ހަމަޖެއްސުން ކަމަށްވެސް ބުންޏެވެ.