ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގުސަދުގައި ތަރައްގީކުރި އިސްރަށްވެހިންގެ ނާދީ މިއަދު ހުޅުވައިފި އެވެ.
ނާދީ ހުޅުވުމަށް ހާއްސަކޮށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 8 ގައި ހަދާފައިވާ އިސްރަށްވެހިންގެ ނާދީ ހުޅުއްވައިދެއްވީ، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު އެވެ.
އިސްރަށްވެހިންގެ ނާދީގެ މަގުސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރުމެވެ. އެގޮތުން މިއަދު ހުޅުވިގެންދިޔަ ނާދީ ތަރައްގީކޮށްފައިވަނީ އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެކުއެވެ.
މިއީ އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް އެންމެ އެކަށީގެންވާ ވަސީލަތްތަކާއެކު ގާއިމްކޮށްފައިވާ މަރުކަޒެކެވެ. އެގޮތުން އިސްރަށްވެހިންގެ ހެލްތު ސްކްރީނިންގް އާއި، އެމީހަކަށް ބޭނުންވާ ހާއްސަ ފަރުވާ އެތަނުން ލިބެ އެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން އެ މަރުކަޒު ފަރުމާ ކޮށްފައިވަނީ އެންމެންނަށް ބޭނުންކުރެވޭ އާންމު ސަރަހައްދަކާއި، ހިތްހަމަޖައްސާލައި އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި، ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަ ހިމެނޭ ގޮތަށެވެ. މީގެއިތުރުން އަވަސް ފަރުވާދޭ ކޮޓަރިއާއި، ނަމާދު ކޮޓަރި އަދި ބަދިގެވެސް އެތަނުގައި ހިމެނެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން އެކްސެސްވެވޭ ގޮތަށް ފަރުމާކޮށްފައިވާ ނާދީ އިމާރާތް ހުޅުވިފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން އިރުއޮއްސި 6:00 އަށެވެ.
މިއީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ތަރައްގީކޮށް، ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އިން ހިންގާ ގޮތަށް ހަދާފައިވާ ތަނެކެވެ. ނާދީގެ ހިދުމަތް ދެވެން ފެށުމުން، ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރު އެޅިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނެ މިފަދަ އެކި ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.